Roadha Mihaaru
ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ: އެސްޓީއޯ

ބޭރުގައި ތެލުގެ އަގުބޮޑުވާތީ ރާއްޖޭގައި ވެސް ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ: އެސްޓީއޯ

02 އޮކްޓޯބަރ 2017

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ބޮޑުވަމުން ދާތީ، ރާއްޖޭގައި ވެސް އޭގެ އަގުތައް އިތުރަށް ބޮޑު ކުރަން ޖެހިދާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ބޮޑުވަމުން ދާތީ، ރާއްޖޭގައި ވެސް އޭގެ އަގުތައް އިތުރަށް ބޮޑު ކުރަން ޖެހިދާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ފީފާއެއްގެ އަގު 80 ޑޮލަރަށް އަރާނެކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފެންނަ ރިޕޯޓްތަކުން ވެސް އަގު އަދި ކުޑަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ. ކުރިއަށް މި އޮތް ތަނުގައި ވެސް އަގުތައް ބޮޑުވާނެ ކަމަށް ލަފާކުރެވެނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނީ ކުރިން ގިނަވެފައި އޮތް ތެޔޮ ހުސްވެ، ދުނިޔޭގެ ތެޔޮ ސްޓޯރޭޖްތައް އަލުން ފުރަން އެކި ގައުމުތަކުން ގިނަ އަދަދަކަށް ތެޔޮ ގަންނާތީ ކަމަށެވެ. އޭގެ އިތުރުން އެމެރިކާ އަށް މި ފަހުން އެރި ވަރުގަދަ ތޫފާން، ހަރިކޭން ހާވީ އާއި މެދު އިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތައް ވެސް އޭގެ ސަބަބަކަށް ވާ ކަމަށް ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވި ނަމަވެސް، ސާކްގެ ގައުމުތަކާ އަޅާބަލާއިރު އާންމުންނަށް އެންމެ އަގު ހެޔޮކޮށް ތެޔޮ ވިއްކަނީ އަދިވެސް ރާއްޖޭގަ އެވެ.

"އިންޓަނޭޝަނަލް މާކެޓުގައި ތެލުގެ އަގު އުފުލޭ ކޮންމެ ފަހަރަކު އަޅުގަނޑުމެން އަގު ބޮޑެއް ނުކުރަން. އިންޓަނޭޝަނަލް މާކެޓުގައި ތެލުގެ އަގު ބޮޑުވާ ނިސްބަތަކަށް ވެސް ނޫން އަޅުގަނޑުމެން މި އަގު ބޮޑުކުރަނީ،" ޝަހީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާންމުންނަށް ވީހާވެސް އެކަށީގެންވާ އަގެއްގައި ތެޔޮ ވިއްކަމުން މި އަންނަނީ. އަގު ބޮޑުވީމަ ވަކި ވަރެއް ކުންފުނިން އޮބްޒާވް ކުރާ ގޮތަށް އަޅުގަނޑުމެން މި އަގުބޮޑު ކުރަނީ. ވަކި ޕަސެންޓެއް ކުންފުނިން އަބަދުވެސް ލަން."

ޝަހީރު ވިދާޅުވީ އެސްޓީއޯގެ ވިޔަފާރީގެ 75 ޕަސެންޓަކީ ތެޔޮ ކަމަށެވެ. ފަހަކަށް އައިސް އެސްޓީއޯގެ ފައިދާ ދަށަށް ދަނީ ތެލުގެ އަގު ބޮޑުކުރާއިރު އެ ކުންފުނިން ވަކި ޕަސެންޓެއް ހިއްސާކޮށްގެން އާންމުންނަށް ވިއްކާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ފައިދާ ދަށްވަނީ އަޅުގަނޑުމެންނަށް އެނގިގެން. އަޅުގަނޑުމެންނަށް އެނގޭ ފައިދާ ދަށްވާކަން. އެއީ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދޭން ކުންފުނިން ވަކި ޕަސެންޓެއް ލާތީ. މީ އަޅުގަނޑުމެންގެ ޕޮލިސީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދަޅުވި ގޮތުގައި އެސްޓީއޯގެ މައި ތެޔޮ ގުދަން ކަމަށްވާ ފުނަދޫގެ ސްޓޯރޭޖް ބޮޑުކުރަން މިހާރު ހިންގާ 35 މިލިއަން ޑޮލަރުގެ މަޝްރޫއު މި އަހަރު ފަހުކޮޅު ނިމޭނެ އެވެ. އެއާ އެކު ރާއްޖެ އަށް "ފިއުލް ގެރެންޓީ" ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ފުނަދޫ ސްޓޯރޭޖް ދެ ގުނަ ބޮޑުވާނެ އެވެ. އަދި ރާއްޖެ އަށް ތެޔޮ އެތެރެކުރަން 28،000 ޓަނުގެ ފިއުލް ޓޭންކަރެއް ވެސް ގެންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.