Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް އެސްޓީއޯއިން ހެޔޮކޮށްފި

21 މާޗް 2020

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ވިއްކާ ޕެޓްރޯލުން 1.53 ރުފިޔާ މިއަދުން ފެށިގެން ވަނީ ހެޔޮކޮށްފަ އެވެ. ޑީސަލުން ވަނީ 1.68 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. މި ބަދަލާ އެކު، ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.

އެސްޓީއޯ އިން ވަނީ މި މަހުގެ 13 ވަނަ ދުވަހު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ވެދޭ އެހީއެއްގެ ގޮތުން، ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

އެސްޓީއޯ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ޑީސަލްގެ އަގު ހެޔޮކޮށްފައިވެ އެވެ. މިއީ މި އަހަރުގެ ތެރޭ ޑީސަލްގެ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ..

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ތެލުގެ މާކެޓަށް އަސަރު ވަނީ ބޮޑަށް ކޮށްފަ އެވެ. ގައުމުތަކުގައި ތެލަށް އޮތް ޑިމާންޑް ކުޑަވުމުން، ތެޔޮ އުފައްދާ ކުންފުނިތަކަށް ވަނީ އަގު ދަށްކުރަން މަޖްބޫރުވެފަ އެވެ.