Roadha Mihaaru
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި

ތިން ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ރާއްޖޭގައި ތެލުގެ އަގު ބޮޑުކޮށްފި

05 މާޗް 2022

ދުނިޔޭގެ ބާާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދަނިކޮށް، ކުއްލި ގޮތަކަށް ފެށި ރަޝިއާ އާއި ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ދުނިޔޭގެ ބާާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދަނިކޮށް، ކުއްލި ގޮތަކަށް ފެށި ރަޝިއާ އާއި ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށް ދާ ރަޝިއާ-ޔުކްރެއިންގެ ހަމަނުޖެހުންތަކާ ގުޅުވައިގެން ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރި ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށް ކަމަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށް ދާ ނިސްބަތް ވަނީ އިތުރަށް ހަލުވި ވެފަ އެވެ،" އެސްޓީއޯގެ ބަޔާނުގައި ވެ އެވެ.

އެފްއެސްއެމުން ވިއްކާ ތެލުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 12 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރެއްގެ އަގު ބޮޑުކުރީ 12.98ރ އަށެވެ. ޑީސަލް ލިޓަރެއްގެ އަގު އޭރު އުފުލުނީ 13.04ރ އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ދަނީ ވަރަށް އަވަސްއަވަހަށް އުފުލެމުންނެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމަށް ތަޖުރިބާކާރުން އަންނނީ ބުނަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ބްރެންޓުގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 112 ޑޮލަރު (1،727ރ.) ގަ އެވެ. މިއީ މިދިޔަ ހަތް އަހަރު ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.