Roadha Mihaaru
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި

ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮ އެފްއެސްއެމުން ކޮންޓްރޯލް ކޮށްފި

03 ޖެނުއަރީ 2022

އަމިއްލަ ބައެއް ކުންފުނިތަކުން ޕެޓްރޯލް ހުސްވެ، އެފްއެސްއެމަށް ބާރު ބޮޑުވުމުން ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމިއްލަ ބައެއް ކުންފުނިތަކުން ޕެޓްރޯލް ހުސްވެ، އެފްއެސްއެމަށް ބާރު ބޮޑުވުމުން ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ، ތެޔޮ ވިއްކާ ވަރު ކޮންޓްރޯލް ކުރަން ޖެހުނީ ބައެއް އެހެން ކުންފުނިތަކުން ޕެޓްރޯލް ހުސްވެ، އެ ކުންފުނިތަކުން ތެޔޮ ފޯރުކޮށްދޭ ފަރާތްތައް ވެސް އެސްޓީއޯ އަށް ބަރޯސާވާން ފެށުމުން ކަމަށެވެ.

"[ތެޔޮ] ކޮންޓްރޯލް ކުރީ ހުސްނުވެ އެންމެންނަށް ވެސް ތެޔޮ ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވ އެވެ.

ގަސަމް ވިދާޅުވިގޮތުގައި، އެސްޓީއޯ އިން ކުރިން ތެޔޮ ގަންނަ ފަރާތްތަކުން ބޭނުންވާ ވަރަށް މިހާރު ވެސް ތެޔޮ ފޯރުކޮށްދެ އެވެ. އެކަމަކު، މިހާރު 20،000 ލީޓަރު ފޯރުކޮށްދޭ ބުނާ ތަންތަނަށް އެވަރު ފޯރުނުކޮށްދޭ ކަމަށް ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިލާ އިން މިހާރު ޕެޓްރޯލްގެ އާ ސްޓޮކް ގެނެސްފައިވާ އިރު ހޯކްސް އިން މި މަހުގެ ހަތް ވަނަ ދުވަހު ސްޓޮކެއް ލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އޭގެ ފަހުން އަނެއްކާ ވެސް ތެލުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ގަސަމް ވިދާޅުވި އެވެ.

ނަމަވެސް ހޯކްސް އިން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޭނުންވާ އަދަދަށް ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ.

ވިލާ ހަކަތަ އިން ބުނީ، ތެޔޮ ނުލިބުމުގެ އެއްވެސް މައްސަލައެއް އެ ކުންފުންޏަށް ކުރިމަތި ނުވާ ކަމަށާއި ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށެވެ.

ގަސަމް ވިދާޅުވީ، އެފްއެސްއެމުން މި ވަގުތަށް ތެޔޮ ކޮންޓްރޯލެއް ގެންގުޅުނަސް އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ އެއްވެސް ދަތި ކަމެއް ނެތި ފޯރުކޮށްދޭނެ ކަމަށެވެ. އެފްއެސްއެމުން މިވަގުތު ހަމައެކަނި ކޮންޓްރޯލް ކުރަނީ ކުންފުނިތަކުގެ ކަނޑުދަތުރު ކުރާ އުޅަނދުފަހަރަށް ފޯރުކޮށްދޭ ތެލެވެ.