Roadha Mihaaru
އެފްއެސްއެމްގެ ހުޅުމާލެ ޝެޑް 24 ގަޑިއިރު ހުޅުވަނީ

އެފްއެސްއެމްގެ ހުޅުމާލެ ޕެޓްރޯލް ޝެޑާއި ޕަމްޕް ސްޓޭޝަންގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރަނީ

29 މާޗް 2022

ހުޅުމާލޭގައި އެސްއެފްއެމުން ހިންގާ ޕެޓްރޯލް ޝެޑާއި ލޯންޗުތަކާއި ދޯނިފަހަރަށް ތެޔޮ އެޅުމަށް ހާއްސަ ކޮށްފައިވާ ޕަމްޕް ސްޓޭޝަން 24 ގަޑިއިރު ހުޅުވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި އެސްއެފްއެމުން ހިންގާ ޕެޓްރޯލް ޝެޑާއި ލޯންޗުތަކާއި ދޯނިފަހަރަށް ތެޔޮ އެޅުމަށް ހާއްސަ ކޮށްފައިވާ ޕަމްޕް ސްޓޭޝަން 24 ގަޑިއިރު ހުޅުވަން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ފަހުން އެފްއެސްއެމްގެ "އީޒީ ފިއުލް 3" އިން ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށެވެ. އެހެންވެ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތަށް 24 ގަޑިއަރަށް ޕެޓްރޯލް ޝެޑް ހުޅުވަން މެނޭޖްމަންޓުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވިގޮތުގައި ޕެޓްރޯލް ޝެޑް 24 ގަޑިއިރަށް ހުޅުވަން ފަށާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

"ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ފަހުން ޕެޓްރޯލް ޝެޑްގެ ކިޔޫ ވެސް ދިގު. އެހެންވެ އަޅުގަނޑުމެންގެ މެނޭޖްމަންޓުން ވިސްނީ މާލޭގައި ހުންނަ ގޮތަށް ހުޅުމާލޭގައި ވެސް 24 ގަޑިއިރު ހިދުމަތް ދޭ ތަނެއް ހުންނަން ވާނެއޭ. މި ގޮތަށް ނިންމީ ވަރަށް ބޮޑަށް މޮނިޓަ ކުރުމަށް ފަހު އެ ބަދަލު ގެންނަން ޖެހޭކަން އެނގުމުން،" ގަސަމް ވިދާޅުވި އެވެ.

"ރޯދަ މަހަކީ އެހެން މަސްތަކަށް ވުރެ ދުއްވާ އެއްޗެހި ގިނައިން ބޭނުން ކުރާ މައްސަރެއް. އެހެންވީމާ މި ހިދުމަތް ފަށަން މި މަސް އަޅުގަނޑުމެން ހިޔާރު ކުރީ. ރޯދައިގެ ފަހުން ވެސް ދެން އަބަދުވެސް އެ ތަނުން ހިދުމަތް ދޭނީ 24 ގަޑިއިރަށް."

ޕެޓްރޯލް ޝެޑްގެ އިތުރުން ހުޅުމާލޭގައި އެފްއެސްއެމުން ލޯންޗުތަކަށް ތެޔޮ ފޯރުކޮށްދޭ ޕަމްޕް ސްޓޭޝަނެއް ވެސް ހިންގަ އެވެ. އެ ސްޓޭޝަން ވެސް ރޯދަ މަހުން ފެށިގެން 24 ގަޑިއިރަށް ހުޅުވާލާނެ ކަމަށް ގަސަމް ވިދާޅުވި އެވެ.

"ލޯންޗު ފަހަރުތަކަށް ވެސް މިހާރަށް ވުރެ ފަސޭހަ ވާނެ މި ގެންނަ ބަދަލާއެކު. ރިސޯޓުތަކުގެ ލޯންޗުތައް ވެސް ތެޔޮ އަޅަން އަންނައިރު ފަތިހު ވިޔަސް ދަންވަރު ވިޔަސް އެ ހިދުމަތް ލިބެންޏާ ވަރަށް ބޮޑު ލުޔަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމް މާލޭގެ "އީޒީ ފިއުލް-1" އާއި ހުޅުމާލެ "އީޒީ ފިއުލް-3" 24 ގަޑިއިރު ހުޅުވި ނަމަވެސް ރޯދަމަހުގެ ހަވީރު 5:00 އިން ރޭގަނޑު 8:30 އާ ހަމައަށް ބަންދުވާނެ އެވެ. އެއީ މުވައްޒަފުންނަށް އާއިލާއާއެކު ރޯދަވީއްލާ ވަގުތު ދިނުމަށާއި ތަރާވީސް ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ގެނައި ބަދަލެއް ކަމަށް އެމްޑީ ވިދާޅުވި އެވެ.

މާލޭގެ ޕެޓްރޯލް ޝެޑުން މިހާރު ވެސް ހިދުމަތް ދޭ ގޮތަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:30 އަށް ޝެޑްތައް ބަންދުވާނެ އެވެ.