Roadha Mihaaru
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުޅުމާލޭގައި ހުޅުވައިފި

އެފްއެސްއެމްގެ ޕެޓްރޯލާއި ޑީސަލް ޝެޑް ހުޅުމާލޭގައި ހުޅުވައިފި

16 އޯގަސްޓް 2017

އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުމާލޭގައި ހުޅުވައި، ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލާއި ޑީސަލް ޝެޑެއް ހުޅުމާލޭގައި ހުޅުވައި، ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އެފްއެސްއެމްގެ ޝެޑެއް ނެތުމުން ހުޅުމާލޭން ޕެޓްރޯލް ލިބުނީ މާލެއިން ލިބޭ އަގަށް ވުރެ، ބޮޑުކޮށް ކަމަށެވެ. ނަމަވެސް އަލަށް ހުޅުވި ޕެޓްރޯލާއި ޑީސަލް ޝެޑުން މާލެއާ އެއް އަގެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްއެސްއެމް ޕެޓްރޯލް ޝެޑް ހުޅުއްވައި ދެއްވުމުގެ ގޮތުން ސައީދު ސައިކަލަކަށް ޕެޓްރޯލް އަޅުއްވަނީ

އެފްއެސްއެމް ޕެޓްރޯލް ޝެޑް ހުޅުއްވައި ދެއްވުމުގެ ގޮތުން ސައީދު ސައިކަލަކަށް ޕެޓްރޯލް އަޅުއްވަނީ

ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ޗާނދަނީމާ ހިނގުމުގައި "އީޒީ ފިލް 3" ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ރަސްމިއްޔާތުގައި އެސްޓީއޯ އާއި އެފްއެސްއެމް އާއި އެޗްޑީސީ އަދި އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުން މާލެއާ އެއް އަގެއްގައި ޕެޓްރޯލާއި ޑީސަލް ގަންނަން ބޭނުންވާ ކަމަށެވެ. އަލަށް ހުޅުވި ޝެޑްގެ ސަބަބުން ހުޅުމާލޭގައި ވިއްކާ ޕެޓްރޯލުން 20 ޕަސަންޓު ހެޔޮވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމަށް. އެސްޓީއޯއާ ސަބްސިޑަރީ ކުންފުނިތަކުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އާންމު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ލުއި ފަސޭހަތަކެއް ލިބިފައި،" ޝަހީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ-2) އާ އެކު ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ

ހުޅުމާލޭގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ-2) އާ އެކު ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ

ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނާ ހަމައަށް ގެނެސްދޭން ނިންމި ކަންކަން ތަންފީޒުވެގެން ދަނީ ވަރަށް ބާރަށް ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އަންނަ ތަރައްގީ އާއި އެސްޓީއޯއަށް އައި ކުރިއެރުންތައް އޭނާ ފާހަގަކުރެއްވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ސިޔާސީ ކޮންމެ ފިކުރެއްގައި ތިއްބަސް، ފެންނަނީ ނުކުރެވޭނެ ކަމަށް ގަބޫލުކުރި ކިތަންމެ ކަމެއް ރައްޔިތުންގެ އިތުބާރާ އެކު ތަންފީޒު ކުރަމުންދާ ތަނެވެ.

ހުޅުމާލެ ހިމެނޭ ގޮތަށް އެފްއެސްއެމްގެ މާލޭގެ ޝެޑްތަކުން ޕެޓްރޯލް ލިޓަރެއްގެ އަގު އުޅެނީ 8.65ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގު އުޅެނީ ލިޓަރެއް 8.44ރ. އަށެވެ.

ހުޅުމާލޭގައި މިއަދާ ހަމައަށް ހުރީ ވިލާ ކުންފުނިން ހިންގަމުން އަންނަ ޕެޓްރޯލް ޝެޑް އެކަންޏެވެ. އެތަނުން ޕެޓްރޯލް ވިއްކަނީ މާލޭގައި ލިބޭ އަގަށް ވުރެ ބޮޑުކޮށެވެ.