Roadha Mihaaru
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ

30 އޮކްޓޯބަރ 2016

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަންނަ އަންގާރަ ދުވަހުން ފެށިގެން ހެޔޮކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަންނަ އަންގާރަ ދުވަހުން ފެށިގެން ހެޔޮކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށަށް ބަދަލުކުރުމުން، ދެ ކުންފުނިން ގުޅިގެން މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހަދައިދެވޭނެ އެވެ. އެ ގޮތުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަސްވެރިމަކުގެ ސިނާއަތް ރަނގަޅުކުރުމަށް ސަރުކާރުން ނެންގެވި ވަރަށް ރަނގަޅު ނިންމުމެއް،" އެސްޓީއޯ އިން ތެލުގެ ވިޔަފާރި ކުރާ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އަށް އަލަށް ގެނައި ތިން ބާޖު ހިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވި އެވެ.

އެކަމަކު، އަންގާރަ ދުވަހުން ފެށިގެން ތެޔޮ ވިއްކާ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މި އަހަރުގެ ކުރީކޮޅެވެ. މިފްކޯ ވަކިން ހިންގިއިރު ގެނައި އެ ބަދަލުގެ ދަށުން، އޭރު 10.50 ރުފިޔާ އަށް ވިއްކަމުން ދިޔަ ޑީސަލް ލީޓަރެއް 7.30 ރުފިޔާ އަށް ކުޑަ ކުރި އެވެ.

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އެފްއެސްއެމް އިން ގެނައި ތިން ބާޖު ވަނީ އިފްތިތާހުކޮށްފަ އެވެ. އެފްއެސްއެމް އިން ބުނި ގޮތުގައި ހަންދި، މީމަސް އަދި މާތޮޅީގެ ނަން ދީފައިވާ އެ ތިން ބާޖަކީ މިހާރު ބޭނުން ކުރަމުން އަންނަ ބާޖުތަކަށް ވުރެ ބޮޑުވާނެ އެވެ.

އެ ތިން ބާޖު ގެނައީ، އެފްއެސްއެމް އިން ބުނި ގޮތުގައި، ތެޔޮ ރައްކާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުން އަވަސް ކުރަން، މީގެ ދެ އަހަރު ކުރިން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭންގެ ދަށުންނެވެ. އެފްއެސްއެމް އިން ބުނީ އެ ކުންފުނީގެ ފްލީޓު ބޮޑުކުރުމަކީ އެ ޕްލޭންގައި ހިމެނޭ ބައެއް ކަމަށެވެ.