Roadha Mihaaru

އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 އެޕްރީލް 2025

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުން އެކު" ޕޮޑްކާސްޓުގައި ރައީސް މިއަދު ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ހައްލު ކޮށްދިނުމުގައި އުމްރާނީ ތަރައްގީގެ ގޮތުންނާއި ވަސީލަތް ގާއިމުކުރުމުގެ ގޮތުން ގިނަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަަށާއި އެ މަސައްކަތް މިހާރު އެ ކުންފުންޏާ ވެސް ހަވާލު ކޮށްގެން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި މި އަހަރު ނިމޭއިރަށް އެސްޓީއޯގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ގާއިމުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އެ މަސައްކަތާ އެކު، ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވަނީ.

ރައީސް ވިދާޅުވީ ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އާރުއެސްޑަބްލިއު، ދޯނީގައި ގާއިމުކުރުމަށް ވެސް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށާއި ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މަސްވެރިކަން ދިރުވައި އާލާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

ސަރުކާރާ ހަވާލުވިއިރު، އެކި ސަބަބުތަކާ ހުރެ މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި މަސްވެރިން ބާނާ މަހަށް ވެސް ފައިސާ ނުދެވޭ ކަމަށް ވިދާޅުވި އެވެ.

އޭރު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އޮތް ކަމަށާއި އެކަމަކު މި ސަރުކާރުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރަމުންދާތީ އެ ދާއިރާ ދޫކޮށްލި ބައެއް ފަރާތްތައް ވެސް އެ ސިނާއަތަށް އަލުން އަނބުރާ ނުކުންނަން ފަށާފައިވާ ކަމަށެވެ.