Roadha Mihaaru

މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން ރައީސްގެ އަރިހުގައި ކެޔޮޅުން އެދިއްޖެ

ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކެޔޮޅުން މިއަދު އެދިއްޖެ އެވެ.

މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

19 މެއި 2025

ސަރުކާރުން މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކެޔޮޅުން މިއަދު އެދިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ކެޔޮޅުންނާ ރައީސް މުއިއްޒު އެ އޮފީހުގައި މިއަދު ހެނދުނު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ކެޔޮޅުން މީގެ ކުރިން ރައީސަށް ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރާ ކަމަށާއި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން ލިބި، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް، އެ ބައްދަލުވުމުގައި ކެޔޮޅުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދިނުމަށެވެ. އަދި ފަސޭހަކަމާ އެކު، މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކޮށްދޭން ވެސް އެދުނެވެ.

މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި މަސްކިރާ ލޮކޭޝަން އިތުރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ ވެސް އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ބޭންކު ލޯން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ވެސް ހައްލުކުރުމަށް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން މިހާރު މަސް ގަންނަނީ ކިލޯއެއް 16ރ. ގެ ރޭޓުންނެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ މަހުގެ އަގު މިހާރު ބޮޑަށް އޮންނަނީ ބާޒާރުގެ އަގުތަކަށް ދޫކޮށްލެވިފައި ކަމަށެވެ. ނަމަވެސް މިފްކޯ އިން މަސް ގަންނަނީ 16ރ. އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް މާކެޓަށް ރިއާޔަތްކޮށްގެން ކޮންމެ ދުވަހަކު އަގު ކަނޑައަޅަން ޖެހެނީ މިހާރު،" އޭނާ ވިދާޅުވި އެވެ.

ކެޔޮޅުން ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.