Roadha Mihaaru
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

29 އޯގަސްޓް 2024

ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މީގެކުރިން ނިންމާފައި އޮތީ ހާއްސަ އުސޫލެއްގެ ދަށުން ލޯބޮޑު އަދި ރީނދޫއުރަހައިގެ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭށެވެ.

ނަމަވެސް، މިއަދު ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ އެ ނިންމުމަށް އަމަލު ނުކުރާށެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމީ 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިއާރަތްކޮށް ކަމަށެވެ.

ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ބައްދަލު ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމުމުން ތިމާވެއްޓާ ބެހޭ ވަރަށް ގިނަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ޖަމިއްޔާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަމުގައި މިޔަރާއި އެހެނިހެން ބާވަތްތައް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްތައް ގިނަ އަދަދަކަށް "ބައިކެޗް" ގެ ގޮތުގައި ހިފޭނެތީ އެވެ.

"ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެ އަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47،000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2،000 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީން ބުނީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ އެ ކޯޓާ ކުޑަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ.

ތިމާވެއްޓާ ބެހޭ 18 ޖަމިއްޔާއަކުން ނެރުނު ނޫސްބަޔާނުގައި ވެސް ބުނީ ލޭނު އަޅަން ހުއްދަ ދިނުމާ އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ގެއްލުންވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ.

އެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި:

- ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ސަބަބުން މިހާރުވެސް އިންޑިޔާ ކަނޑުގައި އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނޭ ކަންނެލިމަހާއި ހިބަރު މަސްތަކަށް އިތުރަށް ބުރޫއަރާނެ.

- ލޯބޮޑު ކަންނެލި، ރީނދޫއުރަހަ ކަންނެލި، ނޫމަސް ހިބަރު އަދި ގަޅިޖެހި ހިބަރުގެ އާބާދީތަކަކީ އެކަށީގެންވާ ހައްދައްވުރެ އިތުރަށް ބޭނޭ ނުވަތަ އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނުމުގެ ނުރައްކާ ކުރިމަތިވެފައިވާ ބާވަތްތައްކަން.

- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް. ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ

- މިބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.

- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް.

- ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ.

- މި ބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.