Roadha Mihaaru
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން

މަސްވެރިންނަށް ރައީސްގެ ޔަގީންކަން: ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ

10 ޑިސެމްބަރ 2023

ރިޔާސީ ކެމްޕެއިންގައި މަސްވެރިންނަށްވީ ވައުދުތައް ފުއްދަވާނެ ކަމަށާއި އަދި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ ކެމްޕެއިންގައި މަސްވެރިންނަށްވީ ވައުދުތައް ފުއްދަވާނެ ކަމަށާއި އަދި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި "މަސްވެރިންގެ ގުންޒަރު"ގައި މަސްވެރިން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ. މިހާރު މަސް ކިލޯއެއް ވިއްކަނީ 25ރ. އެވެ. އެ އަގަށް ބޮޑުކުރީ 17 ރުފިޔާއަށް ވަރަށް ގިނަ ދުވަހު ވިއްކުމަށްފަހު މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ގިނަވުމުން، މިދިޔަ ސަރުކާރުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ކިރޭނެ ގޮތްތައް ހެދުމަށާއި ހާއްސަކޮށް ހުވަދު އަތޮޅުގެ ދެކުނު ބިތުގައި މަސް ކިރޭނެ ތަނެއް ހެދުމަށާއި މ. މުލަކުގައި ތަަރައްގީ ކުރާ މަސް ފެކްޓްރީގެ މަސައްކަތް އަވަސްކުރުމަށް މަސްވެރިން އެދުނެވެ.

މަސްވެރިންގެ ގުންޒަރުގެ ތެރެއިން: މަސްވެރިންނަށްވީ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މަސްވެރިންގެ ގުންޒަރުގެ ތެރެއިން: މަސްވެރިންނަށްވީ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ރައީސް ވިދާޅުވީ މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން މިހާރު ވެސް ދެއްވާ ކަމަށާއި މިހާރުން މިހާރަށް ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެ މަސައްކަތް އަވަހަށް ފަށާނެ ކަމަށެވެ.

އިންތިހާބު ތެރޭގައި ވީ ވައުދުތަކަކީ ވޯޓު ބޭނުން ވެގެންވީ ވައުދުތަކެއް ނޫން ކަމަށާއި އެއީ ކަންކަން ކޮށްދިނުމުގެ ފޮނި އުއްމީދުގައި ވީ ވައުދުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިރޭ މަސްވެރިންނާ ސީދާ ބައްދަލުވެ، ކަންބޮޑުވުންތައް އަޑުއެހުމުން ކަންކަން ހައްލުކުރަން އިތުރަށް ހިތްވަރު ލިބިގެން ދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ މަސްވެރިންގެ ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެފައި ވާއިރު، މަސްވެރިކަމާ ގުޅޭ ގިނަ ކަންކަމާ މެދު ވަނީ މަޝްވަރާ ކޮށްފަ އެވެ.