Roadha Mihaaru
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި

މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން އޮންނާނެ: ރައީސް

10 ޑިސެމްބަރ 2023

މިފްކޯ އަކީ 100 ޕަސެންޓް ދިވެހި މަސްވެރީންގެ ކުންފުންޏަކަށް ބަދަލުކުރާ އިރު، އެ ކުންފުނީގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިފްކޯ އަކީ 100 ޕަސެންޓް ދިވެހި މަސްވެރީންގެ ކުންފުންޏަކަށް ބަދަލުކުރާ އިރު، އެ ކުންފުނީގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިފްކޯ އަކީ 100 ޕަސެންޓް ދިވެހި މަސްވެރީންގެ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.

މި ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފްކޯގެ ބޯޑުން ކަންކަން ނިންމޭ އިރު، މަސްވެރީންގެ ބަސް މަސްވެރީންގެ އަޑު އެ ކަމުގައި ހިމެނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކާ މިފްކޯގެ ބޯޑުގައި ސީދާ މަސްވެރީން ބައިވެރިވެ، މަސްވެރީން އެ ބޯޑު ތަމްސީލުކުރާނެ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ އެވޯޑު ލިބުން މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ އެވޯޑު ލިބުން މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، މިފްކޯ ތަރައްގީ ކުރުމުގަ އާއި ކުންފުނީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކުންފުނީގެ ޕްރޮގްރާމުތައް ހިންގުމުގައި ވެސް މަސްވެރީން ސީދާ ބަސްކިޔައި، މަސްވެރީންގެ ހައްގުތައް ހޯދުމުގައި އެމީހުން ބާރުވެރިކުރެވޭނެ އެވެ.

"ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ފަންނަކަށް ގެންނަން ޖެހޭ އެންމެ ރަނގަޅު ބަދަލުތައް އެންމެ ރަނގަޅަށް އެނގޭނީ ސީދާ އެ ފަންނެއްގެ އަމަލީ ތަޖުރިބާ ލިބިފައިވާ ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުގެ ގާތުގައި މަސްވެރީންނަކީ ވަރަށް އަގުހުރި ބައެއް. އެއީ ރާއްޖޭގެ ކަނޑުފަޅުގެ ހަގީގީ އިލްމުވެރީން. އާދަޔާ ހިލާފު ހުނަރުވެރީން."

ރައީސް ވިދާޅުވީ މަސްވެރީންގެ އަގުވަޒަންކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެކަމަށްޓަކާ އެންމެ އިސްކަމެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ވާނީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރީންނަކީ ކޮބައިކަން ދަންނަ، ދައުލަތަކަށް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ އެވޯޑު ލިބުން މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ އެވޯޑު ލިބުން މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ވިސްނުންފުޅުގެ މަތިން ދިވެހި މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދަފުތަރުގެ ބޭނުމަކީ ދިވެހި މަސްވެރީންނަށް ދިމާވާ މާލީ، އިގުތިސާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި ދަފުތަރުގެ އެހީގައި ދިވެހި މަސްވެރީން ބެންކުގެ ނިޒާމުގެ ތެރެއަށް ގެނެވި، މިކަމުގެ ސަބަބުން މަސްވެރިކަން ދަށް ދުވަސްވަރު "ދިވެހި ދައުލަތުން މަސްވެރީންގެ އަތުގައި ހިފޭނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ މަސްވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދާއިރާއަށް ހިދުމަތްކޮށްދީފައިވާ މީހުންނަށް އެވޯޑު ވެސް ދީފަ އެވެ.