Roadha Mihaaru
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"

ފައިސާ ޗާޕުކޮށްގެން ވެސް ކުރީގެ ސަރުކާރަށް މަސްވެރިންނަށް ފައިސާ ނުދެއްކުނު: ޝިޔާމް

24 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް ދައުލަތުން ދަރާފައިވާ ފައިސާ ނުދެއްކުނު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހއ. އިހަވަންދޫން އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް ދައުލަތުން ދަރާފައިވާ ފައިސާ ނުދެއްކުނު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެއީ އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެތައް ދަތިތަކެއް ކުރިމަތިވަމުންދާ މަންޒަރު ފެނިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރީ ސަރުކާރުން ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި 8.2 ބިލިއަން ރުފިޔާ އޯވަޑްރޯ ނުވަތަ ޗާޕުކޮށްފަ އެވެ.

ފައިސާ ޗާޕުކޮށްގެން ވެސް ކީއްވެގެންތޯއޭ [މަސްވެރިންނަށް ދޭން ޖެހޭ] އެ ފައިސާ ނުދައްކަވާ އޮތީ،" ޝިޔާމް ސުވާލު އުފެއްދެވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އާ ސަރުކާރު ހަވާލުވިއިރު، މަސްވެރިންނަށް ދައުލަތުން ނުދައްކާ 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެ ފައިސާއާ އެކު، މި ސަރުކާރު އައިފަހުން މަސްވެރިންނަށް މިހާތަނަށް 522 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ މަސްވެރިންނަށް ދޫކޮށްފައި ހުރި ތެލާއި ކްރެޑިޓާއި އައިސް ހިމެނޭ ގޮތަށް 522 މިލިއަން ރުފިޔާ، 17 ނޮވެމްބަރުން ފެށިގެން ދައްކަވައިފި އިނގޭތޯ. އެކަމަކު ވެސް އެބައޮތް ބެކްލޮގް. އެއީ ކޮންމެ ދުވަހަކު އެބަ މަސްވެރިކަން ކުރޭ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. އިހަވަންދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. އިހަވަންދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

މި މައްސަލަ ހައްލުކޮށް ރައީސްގެ ވައުދާ އެއްގޮތަށް މި ދައުރުގެ ކުރީކޮޅުގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދައުލަތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބިގެން މިދިޔަ ހަފުތާގައި މަސްވެރިން ވަނީ ކޫއްޑޫގައި ތިން ދުވަހުގެ އިހުތިޖާޖެއްކޮށްފަ އެވެ. އެ އިހުތިޖާޖު ހުއްޓާލީ ފިޝަރީޒް މިނިސްޓަރު ޝިޔާމް އެ ރަށަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކޮށް އަދި ފައިސާ ވެސް ދޫކުރަން ފެށުމުންނެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

މަސްވެރިންނަށް މިހާތަނަށް ދޫކުރަން ޖެހޭ ފައިސާ އަންނަ މަހު ފަހެއްގެ ނިޔަލަށް ދީ ނިންމާނެ ކަމުގެ ޔަގީން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.