Roadha Mihaaru
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން

މި ހަފުތާގައި އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް ފައިސާ ދޭން: ޝިޔާމް

24 ޖޫން 2024

މި ހަފުތާގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރައްވާ ކަމަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދިނުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ހަފުތާގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރައްވާ ކަމަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދިނުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މަސްވެރިންނަށް ފިލައިގެން ނޫޅުއްވާނެ ކަމަށާއި އިހުތިޖާޖުތަކަށް ހުރަސް ނާޅާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މިދިޔަ އަޟްހާ އީދު ބަންދުގެ ކުރިން މަސްވެރިންނަށް ދޭން ކަނޑައެޅި 90 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 50 ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

"ބޮޑު އީދަކާ އެކީގައި ހުރިހާ މުއާމަލާތެއް ބަންދުވެފައި ހުރި ވަގުތެއްގައި ވަކި ކުރެވޭނީ ކޮން ކަމެއްތޯ؟ އަޅުގަނޑުމެން މި ދައްކަނީ ހަރަދު ކުޑަ ކުރާ ވާހަކަ. ދައުލަތަށް އާމްދަނީ އިތުރު ކުރާ ވާހަކަ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމުގެ މަސައްކަތް އަޅުގަނޑުމެންގެ އެޖެންޑާގެ އެންމެ ކުރީގައި މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، ބާކީ ހުރި ބިލްތަކަށް ފައިސާ ދިނުން ލަސްވަނީ އީދު ޗުއްޓީ އައުމުން ކަމަށެވެ. އެކަމަކު، ފައިސާ ވީ އެންމެ އަވަހަކަށް ދޭން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.

ފަންސަވީސް ރުފިޔާ އަށް ހަދާފައި އެންމެ ރުފިޔާ ފޮއްޗެއް ވެސް އެ ދުވަހުން ފެށިގެން، ސެޕްޓެމްބަރު މަހުގެ މި ދުވަހުން ފެށިގެން އެންމެ ރުފިޔާ ފޮއްޗެއް ވެސް މަސްވެރިންނަށް ނުދީ ވެރިކަން ނިންމާލީ. ފައިސާ ޗާޕުކޮށްގެން ދިވެހި މަސްވެރިންނާ މެދު އަމަލުކުރި ގޮތުގެ ވާހަކަ އަޅުގަނޑު މި ދެއްކީ،"--- ޝިޔާމް

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގެ މަސްވެރިން ކުރާ މުޒާހަރާ ހޫނުވެ، އައްޑޫގެ ފިޝަރީސް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވެސް ހުރީ ހުއްޓިފަ އެވެ. މުޒާހަރާގެ ބައިވެރިން އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ތަނުގެ ކަރަންޓު ކަނޑާލި ކަމަށް ވެސް މިފްކޯއިން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ދެ ހަފުތާ އަށް ވެފައި ވަނިކޮށް، މިފްކޯ އަށް މަސް ކިލޯއެއް ގަންނަ އަގު 25ރ. އަށް ބަދަލުކުރި ކަން މިނިސްޓަރު ރޭ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިޔާސީ ބޭނުމަށް ކުރި ކަމެއް ކަމަށެވެ.

"ފަންސަވީސް ރުފިޔާ އަށް ހަދާފައި އެންމެ ރުފިޔާ ފޮއްޗެއް ވެސް އެ ދުވަހުން ފެށިގެން، ސެޕްޓެމްބަރު މަހުގެ މި ދުވަހުން ފެށިގެން އެންމެ ރުފިޔާ ފޮއްޗެއް ވެސް މަސްވެރިންނަށް ނުދީ ވެރިކަން ނިންމާލީ. ފައިސާ ޗާޕުކޮށްގެން ދިވެހި މަސްވެރިންނާ މެދު އަމަލުކުރި ގޮތުގެ ވާހަކަ އަޅުގަނޑު މި ދެއްކީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭގެ ކުރިން ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކަޅުބިލަ މަސް ކިލޯއެއް ވިއްކީ 16ރ.-17ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް މިހާތަނަށް ސަބްސިޑީގެ ގޮތުގައި 270 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު މަސްވެރިންނަށް ތެލާއި އައިސް އިން ދޭ އެހީތަކާ އެކު 933 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އައީ ކަންކަން ބަދަލު ކުރަން. މަސްވެރިކަމުގެ ސިނާއަތު އެހެން ހިސާބަކަށް ގެންދަން. މަސްވެރިކަމުގެ ސިނާއަތަކީ ވެސް އާމްދަނީ އިތުރަށް ލިބޭ ބޭރުގެ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ސިނާއަތަކައް ހަދަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ