Roadha Mihaaru
މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި

23 ފެބުރުއަރީ 2024

މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފައިސާ ނުލިބިގެން މަސްވެރިން ކުރަމުން ދިޔަ އިހްތިޖާޖް މިދިޔަ ބުދަ ދުވަހު ހުއްޓާލައި ކުއްޑޫގެ މަސް ފެކްޓްރީގެ އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފްކޯއިން މަސްވެރިންނަށް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި ބާކީ 30 މިލިއަން ހޯމަ ދުވަހުގެ ކުރިން ޖަމާވާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ ކޫއްޑޫގައި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާއަށް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، ސަރުކާރުގެ އިލްތިމާސާ އެއްގޮތަށް އަލުން މަހަށް ނުކުތުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާ ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި އަދި އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

މަސްވެރިންގެ މުޒާހަރާގައި އެ މީހުން ޑިމާންޑްކުރަމުން ދިޔައީ މިހާތަނަށް ނުދީ ހުރި ފައިސާ އެއްކޮށް ލިބުމުން ނޫނީ މުޒާހަރާ ހުއްޓާނުލުމަށެވެ.

މަސްވެރިން ގާތަށް ވަޑައިގެން މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، ސަރުކާރުން ބުނަމުން އައި ގޮތަށް، މިހާތަނަށް އޮޑިވެރިންނަށް ނުދީ ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ކުރިން ދޫކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަސްވެރިންނަށް މިހާތަނަށް ދޫކުރަން ޖެހޭ ފައިސާ އަންނަ މަހު ފަހެއްގެ ނިޔަލަށް ދީ ނިންމުމަށް ފަހު، ދެން މަސައްކަތް ކުރައްވާނީ މިފްކޯ އަށް މަސް ކިރާތާ ހަފުތާއެއްގެ ތެރޭގައި ފައިސާ ދޫކޮށް ނިންމުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެެއްގޮތަށް، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމަށެވެ. އެކަން ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައި އެ ވައުދު ރައީސް ވަނީ މި ފަހުން ވެސް ތަކުރާރު ކުރައްވައިފަ އެވެ.