Roadha Mihaaru
ދީނީ ނަސޭހަތުގެ ހުއްދަ ފަޒްލޫނާއި ނިޝާނަށް އަލުން ދީފި

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަޒްލޫނާއި ނިޝާނަށް އަލުން ދީފި

11 މާޗް 2024

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތާ އެކު ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި އޮތް އޮތުން ދޫކޮށްލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތާ އެކު ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި އޮތް އޮތުން ދޫކޮށްލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދިނީ އިއްޔެ އެވެ.

މި ބޭފުޅުންނަށް އަލުން ހުއްދަ ދީފައި ވިޔަސް، ޔޯގާ ހަމަނުޖެހުމާ ގުޅިގެން އުފުލި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާގެ ޝަރީއަތް އަދި ނުނިމެ އެވެ.

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދިނުމާ ގުޅިގެން ފޭސްބުކްގައި ނިޝާން ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުން ހިފެހެއްޓި އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދެއްވާފައިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭރު މިނިސްޓްރީން ވަނީ ދީނީ ތަގުރީރުކުރުމުގެ ހުއްދައިގެ އިތުރުން ވައުޟު ބުނުމާއި ދީނީ އިރުޝާދު ދިނުން ވެސް އެ ބޭފުންނަށް މަނާކޮށްފަ އެވެ.

އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން އޭރު ނެރެފައިވާ ބަޔާނުގައި ބުނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓީ ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުއްދަލަށް ގެއްލުންދީ ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެންޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް އެއްވެ ތިބި މީހުންނަށް ދައުވަތިދީ އެ އެއްވުމުގައި އިސްކޮށް އުޅުމުން ކަމަށެވެ.

އެކަމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުކަމެއް އަމަލެއް ކަމަށް ވެސް އޭރު ނެރުނު ބަޔާނުގައިވެ އެވެ.

ޖޫން 2021 ގައި ހިންގި ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ފަޒްލޫނާއި ނިޝާން ހިމެނެ އެވެ. އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ފަޒުލޫނާއި ނިޝާން ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި 18 މީހަކަށް ދައުވާކުރި އިރު ނިޝާނާއި ފަޒްލޫން ވެސް ހިމެނެ އެވެ.