Roadha Mihaaru
ޝޭހް ފަޒްލޫނާއި ނިޝާންގެ ހުއްދަ ހިފަހައްޓައިފި

ޝޭހް ފަޒްލޫނާއި ނިޝާންގެ ދީނީ ތަގުރީރުކުރުމުގެ ހުއްދަ ހިފަހައްޓައިފި

23 ޖޫން 2022

ގަލޮޅު ދަނޑުގައިހިނގި ޔޯގާ ހަރަކާތް ހުއްޓުވަން އެތަނުގެ ތެރެއަށް އިއްޔެ ބަޔަކު ވަދެގަނެ ބިރުދައްކައި އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝޭހް ފަޒްލޫން މުހައްމަދާއި. ޝޭހް އާދަމް ނިޝާންގެ ދީނީ ތަގުރީރުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަލޮޅު ދަނޑުގައިހިނގި ޔޯގާ ހަރަކާތް ހުއްޓުވަން އެތަނުގެ ތެރެއަށް އިއްޔެ ބަޔަކު ވަދެގަނެ ބިރުދައްކައި އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝޭހް ފަޒްލޫން މުހައްމަދާއި. ޝޭހް އާދަމް ނިޝާންގެ ދީނީ ތަގުރީރުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

މީގެ އިތުރުން ވައުޘު ބުނުމާއި ދީނީ އިރުޝާދެއް ވެސް ވަކި މުއްދަތެއް ވަންދެން އެ ދެ ބޭފުޅުންނަކަށް ނުދެވޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓީ ގަލޮޅު ދަނޑުގައި އިއްޔެ ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

އެ ހަމަނުޖެހުން ހިންގައިގެން އިއްޔެ ހައްޔަރުކުރި މީހުންގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށް އަދި އެ މީހުންގެ މައްޗަށް ޖިނާއީ އަދުލުން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރްގެ ސީޣާއިން މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތުމުން، ފަޒްލޫންއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެއީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

"އިސްލާމްދީނުގެ ނަމުގައި މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި ދީނި އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ އައުން މި މިނިސްޓްރީން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

"މުޖުތަމައުގައި އިލްމުވެރިންނަށް ދެވިފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެކެވެ. ބާތިލް ފިކުރުތަކަށް އަފްރާދުން ދާ އެންމެ ބޮޑު އެއް ސަބަބަކީ ދީނުގެ ސައްހަ އިލްމު ނެތުމެވެ."

މިނިސްޓްރީން ބުނީ އެފަދަ މައްސަލަތަކާ ދެކޮޅަށް ހިންގަން ޖެހޭ އެންމެ މުހިއްމު ހަރަކާތަކީ މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއަކަށް އިސްލާމް ދީނުގެ އިލްމު ފޯރުކޮށްދިނުން ކަމަށެވެ. އަދި ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުއީ ރީތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް މިނިސްޓްރީން ވަނީ ދީނީ އިލްމުވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ.