Roadha Mihaaru
ޔޯގާ ހަމަނުޖެހުން: މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް

ޔޯގާގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަނީ

21 ސެޕްޓެމްބަރ 2022

ޔޯގާ ހެދުމުގެ މައްސަލައިގައި މުޖުތަމައުގައި ސުވާލު އުފެދިފައިވަނިކޮށް، އިސްލާމް ދީނުގައި އެކަން އޮންނަ ގޮތް ފަތުވާ މަޖިލީހުން ބަލައިފައި ނެތުމާއި އަދި ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔޯގާ ހެދުމުގެ މައްސަލައިގައި މުޖުތަމައުގައި ސުވާލު އުފެދިފައިވަނިކޮށް، އިސްލާމް ދީނުގައި އެކަން އޮންނަ ގޮތް ފަތުވާ މަޖިލީހުން ބަލައިފައި ނެތުމާއި އަދި ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ އެ ކޮމިޓީގައި ވެސް އިންނަވާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީގެ ލީޑަރު އާދަމް ޝަރީފެވެ.

ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެސް އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމަކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމިޓީ އަށް އާދަމް ޝަރީފް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، ރާއްޖޭގައި ޔޯގާ ހަރަކާތެއް ބާއްވަން ނުފެންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ސަރުކާރުން އެ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވުމުގެ ސަބަބު އެ ތަނުގެ މަސްލަހަތު ގެއްލި، ހަމަނުޖެހުންތައް ހިންގުމާއެކު، އެ މިނިސްޓްރީން ފޮނުވި ސިޓީ ފޮނުވީ އިޖުރައާތުތަކާ ހިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ.

"ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަމެއްގައި، އާންމުން އިތުރަށް އޮޅުންއަރާ ގޮތަށް ސަރުކާރުގެ ވުޒާރައަކުން ފޮނުވާފައި ސިޓީއެއްގެ ޒިންމާ ނެގުމުގެ ބަދަލުގައި އެ ސިޓީ އަކީ އިޖުރައާތުތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ގެއްލޭ ފަދަ ކަންކަން ހިނގުމަށް މަގުފަހިވާ ކަމެކެވެ،" އެ ސިޓީގައިވެ އެވެ.

އެއީ އިސްލާމިކް މިނިސްޓްރީން، ގާނޫނީ ވާޖިބު އަދާކުރުމުގެ ބަދަލުގައި އެ މިނިސްޓްރީގައި ތިބޭ މީހުން ބޭނުންވާ ގޮތަކަށް ފަތުވާ ނެރުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ، އެ މައްސަލަ ބެލުމަށާއި އަދި އެކަމާ ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ އިދާރާ ޖަވާބުދާރީކުރުވުމަށް އާދަމް ޝަރީފު އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ޖަވާބުދާރީކުރުވުމަށް އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ކޮމެޓީ އަށް ހާޒިރުކުރުވުމަށް ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެ ބޭފުޅުން ހާޒިރުކުރުވަން އެއްވެސް މެންބަރަކު އިންކާރުކުރައްވާފައި ނުވާތީ، އެގޮތަށް ކޮމެޓީން ނިންމީ އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި، އެ ތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓު ނިންމައި، މިދިޔަ މަހު ކެބިނެޓަށް ހުށަހަޅާފައިވެ އެވެ.

އެ ދުވަހުގެ ކަންތައް ހިނގައި ދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރި މަސައްކަތްތައް އެ ރިޕޯޓްގައި ހިމަނާފައިވާއިރު، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް އެ ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ވެސް ލަފާދީރެލިފައިވެ އެވެ.

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި އެ ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.