Roadha Mihaaru
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!

ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަވުމުން މިނިސްޓަރުގެ ކަންބޮޑުވުން ރައީސަށް!

18 ނޮވެމްބަރ 2021

އެހެން ދާއިރާތަކަށް ވުރެ ދީނީ ކަންކަމަށް ސަރުކާރުން ކުރާ ހޭދަ ކުޑަވުމުގެ ޝަކުވާތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެހެން ދާއިރާތަކަށް ވުރެ ދީނީ ކަންކަމަށް ސަރުކާރުން ކުރާ ހޭދަ ކުޑަވުމުގެ ޝަކުވާތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި 11 މަޝްރޫއެއް ހިމެނުމަށް ފިނޭންސް މިނިސްޓްރީގައި އެދުނަސް އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނީ އޭގެ ތެރެއިން އެންމެ މަޝްރޫއެއް ކަމަށެވެ.

މިދިޔަ އަހަރު ފަށަން އިސްލާމިކް މިނިސްޓްރީން ހަމަޖެއްސި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން އުނިކުރުމުން އެ މަޝްއޫތައް ވެސް ކުރިއަކަށް ނުގެންދެ އެވެ. މި އަހަރު ފަށަން ހަމަޖެއްސި މަޝްރޫއުތަކުގެ ތެރެއިން ވެސް މިހާތަނަށް ބީލަން މަރުހަލާ ނިމިފައިވަނީ އެންމެ މަޝްރޫއެއް ކަމަށް ވެސް ޑރ. ޒާހިރުގެ ސިޓީގައިވެ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެ ފަދަ ކަންތައްތަކާ ގުޅިގެން ކައުންސިލްތަކާއި އާއްމު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ އެވެ.

"މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ނުފެށި ލަސްވަމުން ދިއުމުގެ ސަބަބުން މިސްކިތްތައް އިމާރާތް ކުރުމާއި ދީނީ ކަންތައްތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތކުން ކުޑަ ކަމަށާއި އެހެން ދާއިރާތަކަށް ކުރާ ހަރަދަށް ވުރެ ދީނީ ދާއިރާ އަށް ކުރާ ހަރަދު ކުޑަކަން ފާހަގަކޮށް ކައުންސިލްތަކުންނާއި އާއްމު ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ،" ސިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.

"ވީމާ، ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި 2022 ވަނަ އަހަރު ނިއު ޕޮލިސީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް އެއްވެސް މަޝްރޫއެއް އުނި ނުކުރައްވައި ބަޖެޓުގައި ހިމަނުއްވައި ދެއްވުން އެދި ދެންނެވީމެވެ."

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 36.9 ބިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން އިސްލާމިކް މިނިސްޓްރީ އަށް ކަނޑައަޅާފައިވަނީ 280 މިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ ބަޖެޓުން މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތަކަށް 26.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.