Roadha Mihaaru
މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

26 ސެޕްޓެމްބަރ 2022

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)، އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)، އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

މުފްތީ މެންކްއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ މަހު 28 އިން 31 އަށް މުފްތީ މެންކް ރާއްޖެ އަށް ދަތުރެއް ކުރައްވާނެ ކަމަށެވެ.

އެ ދަތުރާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެ ދަތުރުގައި ހދ. ކުޅުދުއްފުށީގައި އޭނާ ދަރުސް ދެއްވި އެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވި އެވެ. އެ ދަރުސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ. އަދި އޭނާ ވަނީ އެ ރޮނގުން ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯއްދަވައިފަ އެވެ.