Roadha Mihaaru

ޝައިހު ފަރީދުގެ ކުއްލި ވަކިވުން: ތައުރީފާ އެކު އިވެނީ އިސްލާމްދީނަށް ނަސްރު ދިނުމަށް ކުރެއްވި ކަންތައްތަކުގެ ވާހަކަ

ހަޔާތުގެ އެންމެ ފަހުގެ ދަތުރުގައި ވެސް ޝައިހު އިބްރާހިމް ފަރީދު މެލޭޝިއާ އަށް މިއަދު ވަޑައިގަތީ އެ ގައުމުގައި ބާއްވަން ނިންމާފައިވާ އިސްލާމް ދީނާ ގުޅޭ ހާއްސަ ބައްދަލުވުމަކަށެވެ. އެއީ ފަރީދު އެންމެ ފަހުން މަސއްކަތް ކުރެއްވި ހިދުމަތް ޖަމިއްޔާ ތަމްސީލް ކުރެއްވުމަށެވެ. އެކަމަކު، މެލޭޝިއާ އަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވެއްޓި ވަޑައިގެން އަވަހާރަވީ އެވެ.

ފަރީދު: ކެރުމާ އެކު، އަބަދުވެސް އިސްކުރެއްވީ ދީން
ނާޒިމް ހަސަން
ނާޒިމް ހަސަން

09 ޖޫން 2025

ހަޔާތުގެ އެންމެ ފަހުގެ ދަތުރުގައި ވެސް ޝައިހު އިބްރާހިމް ފަރީދު މެލޭޝިއާ އަށް މިއަދު ވަޑައިގަތީ އެ ގައުމުގައި ބާއްވަން ނިންމާފައިވާ އިސްލާމް ދީނާ ގުޅޭ ހާއްސަ ބައްދަލުވުމަކަށެވެ. އެއީ ފަރީދު އެންމެ ފަހުން މަސއްކަތް ކުރެއްވި ހިދުމަތް ޖަމިއްޔާ ތަމްސީލް ކުރެއްވުމަށެވެ. އެކަމަކު، މެލޭޝިއާ އަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވެއްޓި ވަޑައިގެން އަވަހާރަވީ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ޝައިހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި އިބުރަތުން ފުރިފައިވާ އެތައް ދަރުހެއް ދެއްވި ފަރީދުގެ ކުއްލި ވަކިވުމާ އެކު، އެންމެންގެ ދުލަށް އަންނަނީ އޭނާގެ ކެރިވަޑައިގަތުމާއި އިސްލާމް ދީނުގެ ދައުވަތު ދެއްވުމުގައި ސާބިތުވެ ހުންނެވި ވަރުގަދަ ކަމުގެ ވާހަކަތަކެވެ. ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ފަހަތަށް ޖެހިވަޑައިނުގެން ކަންކަމާ ކުރިމަތިލެއްވި ގޮތުގެ ވާހަކަތަކެވެ.

އެހެންވެ، ދ. ކުޑަހުވަދު އަށް އުފަން ޝައިހުގެ މި ވަކިވުމަކީ ރާއްޖޭގައި އިސްލާމީ ދައުވަތު ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ފަޅުކަމެކެވެ.

ދީނީ ދަރުހާއި ނަސޭހަތް ދެއްވުމުގައި ފަރީދަކީ ދިވެހިންނަށް އެންމެ ފަރިތަ އެއް ނަމެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އުފެދިގެން ދިޔަ ދީނީ ހޭލުންތެރިކަމުގެ އޮއިވަރުގައި އެންމެ ބޮޑު ހިއްސާދާރަކީ ފަރީދެވެ. އޭނާގެ ދަރުސްތަކަށް މީހުން ޖަމާވަނީ ދެއްވާ ނަސޭހަތާއި ވިދާޅުވެ ދެއްވާ އިބުރަތްތެރި ވާހަކަތަކުގެ ޝައުގުވެރިކަމުންނެވެ. ދީނާ ގުޅޭ ވާހަކަތައް މިސާލުތަކާ އެކު މީހުންގެ ސިކުނޑި އަށް ވައްދައިދެނީ އަޑުއަހާ ހިތްވާ ގޮތަކަށެވެ. އެ ވާހަކަތަކުގެ ރާގު ގެންގުޅުއްވާ ގޮތުން ވެސް އެތައް ބައެއްގެ ޝައުގުވެރިކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފަރީދު ދަމައިގަތެވެ. އެ ފިލާވަޅުތަކުން އެތަކެއް ބައެއްގެ ދިރިއުޅުން ބަދަލުވި އެވެ. އެތައް ބަޔަކަށް ފަރީދު ވީ އުއްމީދަކަށެވެ. އެދުރަކަށެވެ. އެތައް ޒުވާނުންނެއް ހަމަ މަގަށް އަޅުވައިދިން އުސްތާޒަކަށެވެ.

ސޯޝަލް މީޑިއާގައި ފަރީދާ މެދު އޮތް ޝުއޫރުތަކުން އެކަން މާބޮޑަށް ވެސް ހާމަވެ އެވެ.

"އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ފަރީދަކީ، ހުލްގު ހެޔޮ، އަޅުވެރިއެއް. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޝައިހު ފަރީދު ވަކިވެދިއުމަކީ ދިވެހި ގައުމަށް އަދި އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޒެއް، ހިދުމަތްތެރި ޝަހްސިއްޔަތެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އިސްލާމް ދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ވަރަށް ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި ފަރީދަކީ ބައްދަލުވާ ކޮންމެ ފަހަރަކުމެ، ހެޔޮ ނަސޭހަތް ދެއްވާ ބޭފުޅެކެވެ. ޝައިހް ވަކިވެދިއުމަކީ އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ދެރައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޝައިހް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޒެއް. ހިދުމަތްތެރި ޝަހްސިއްޔަތެއް. ވަރަށް ބޮޑު ގުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެއް،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ފަރީދު ނެތުމުގެ ފަޅުކަމާ އެކު، ބުނީ ‎އެއީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ އިލްމުވެރިއެކެވެ. ނުހަނު ހިދުމަތްތެރި ހިތްވަރު ގަދަ ޝަހުސިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ގުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ،" މިނިސްޓްރީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ފަރީދަކީ ދީނީ ދަރުސް ދެއްވުމުގައި ނުހަނު ހިންމަތް ކުރެއްވި އަދި އެ ގޮތުގައި ދެމިހުންނެވި ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އާލިމެއްގެ އިތުރުން ސިޔާސީ އިސްލާހީ ހަރަކާތުގަައި އެހާމެ މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ.

އޮގަސްޓް 12 އަދި 13 ހަރަކާތުގައި ފަރީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ހަރަކާތާ ގުޅިގެން އޭނާ ހައްޔަރުކުރި

އޮގަސްޓް 12 އަދި 13 ހަރަކާތުގައި ފަރީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ހަރަކާތާ ގުޅިގެން އޭނާ ހައްޔަރުކުރި

އިސްލާހީ ހަރަކާތުގެ މުހިންމު ނަމެއް

ރައީސް އިބޫ އެ އިޝާރަތް ކުރެއްވީ ރާއްޖެ ޑިމޮކޮރަސީއަށް ކުރި ދަތުރުގެ އެންމެ އަލިގަދަ އުސްއަލި ކަމަށްވާ އޮގަސްޓް 12 އަދި 13 ހަރަކާތާއި މިނިވަން ބަހުސްގައި ވަރަށް އިސްކޮށް ފަރީދު ކުރެއްވި މަސައްކަތެވެ.

އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އޮތް ވަރުގަދަ ސިޔާސީ ހަރަކާތާ ގުޅިގެން ފަރީދު ހައްޔަރުކުރި އެވެ. އެ ނޫނަސް އެކި ފަހަރު މަތިން ފަރީދު ހައްޔަރުކޮށް ޖަލުގެ އަނިޔާތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އޭނާގެ ކެރިވަޑައިގަތުމާއި ހިތްވަރަކަށް ކުޑަކޮށް ވެސް ފަނޑުކަމެއް ނާދެ އެވެ.

މިނިވަން ބަހުސްގައި ބައިވެރިވި މަދު އިލްމްވެރިންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވީ ފަރީދެވެ. އެ ބަހުސްގައި ފަރީދު ވަކާލާތު ކުރެއްވީ އިސްލާމް ދީނުގައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޝްވަރާގެ މަތިން ކަންކަން ނިންމުމުގެ އުސޫލުގެ މައްޗަށެވެ. އެ ސިޔާސީ ހަރަކާތުގެ ތެރެއިން ޕާޓީ ސިސްޓަމް ތައާރަފުވެ، އުފެއްދި އެމްޑީޕީގެ އިސްލާމީ ގޮފީގައި ވެސް ފަރީދު އިސް ދައުރެއް އަދާކުރެއްވި އެވެ.

"ބިރު ދެއްކުމަކަށް ފަހަތަށް ޖެހިވަޑައިނުގެންނެވި، އިސްލާހީ މަސައްކަތުގެ ބައިވެރިއެއް،" ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ފާހަގަކުރެއްވި ފަރީދަކީ ރާއްޖެ އަށް ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގެނައުމަށް ކުރި މަސައްކަތުގެ ބައިވެރިއެކެވެ. އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އިސްލާހީ މަސްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ..

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަރީދު ސިފަކުރެއްވީ ފަހުލަވާނެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ފަރީދަކީ އިސްލާމް ދީނަށް ނަސްރު ހޯދުމަށް ކަނޑަނޭޅި މަސައްކަތްކުރި އަދި ސަރުކާރުގެ ވޭންދެނެވި ގަދަ އަނިޔާއަށް ކެތްކުރެއްވި ފަހުލަވާނެއް ކަމަށެވެ.

ނޫސްވެރިޔާ މުހައްމަދު ހަމްދޫން ލިޔެފައިވާ ފަދައިން ފަރީދުގެ ހަނދާން އާކުރެވެމުންދާނީ ހަމައެކަނި އޭނާގެ ކެރުމަކަށް ނޫނެވެ. އެކަމަކު، އިސްލާހީ ބަދަލުގެ ވަގުތުގައި އޭނާގެ ވިސްނުމާއި ފިކުރުގެ މަތީ ސާބިތުވެ ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ޝައިހު ފަރީދަކީ ރާއްޖޭގައި އުފެދުނު ދީނީ އުސްތާޒުންގެ ތެރެއިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ދަރުސްތަކެއް ދޫކުރެއްވި އާދަޔާ ހިލާފު ޝަހުސިއްޔަތެއްކަން ޔަގީނެވެ. ތަފާތު ފިކުރުގެ މީހުން ވެސް އެކަމާ އިއްތިފާގު ވަނީ އެހެންވެ އެވެ. އޭނާގެ ކެރިވަޑައިގަތުމާއި އިސްލާމްދީން އިސްކުރެއްވި ކުރެއްވުން އެއީ ނަމޫނާ އެކެވެ.