Roadha Mihaaru
ޑރ. މަޖީދު އެންމެ ލޯބިކުރެއްވީ އިލްމީ ދިރާސާކުރުމަށް

ބައްޕަ އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާކުރުމާއި ކިޔަވައިދިނުން: ފިރާސް

02 ޖޫން 2018

ސްޓްރޯކެއް ޖެހި މިދިޔަ މަހު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ .އަބްދުލް މަޖީދު އަބްދުލް ބާރީ އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާކުރުމާއި އިލްމު އުނގަންނައިދެއްވުން ކަމަށް އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފިރާސް މިރޭ ވިދާޅުވެއްޖެ އެވެ.

ސްޓްރޯކެއް ޖެހި މިދިޔަ މަހު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ .އަބްދުލް މަޖީދު އަބްދުލް ބާރީ އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާކުރުމާއި އިލްމު އުނގަންނައިދެއްވުން ކަމަށް އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފިރާސް މިރޭ ވިދާޅުވެއްޖެ އެވެ.

ޑރ. މަޖީދު އަވަހާރަވުމުގެ ހިތާމާގައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ފިރާސް ވިދާޅުވީ އޭނާގެ ބައްޕާފުޅު އިލްމީ، އިޖްތިމާއީ އަދި ސިޔާސީ މަސައްކަތްތަކުގައި މުހިންމު ހަމަތަކެއް ހިފެހެއްޓެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްޕަ އަބަދުވެސް ދެކެވަޑައިގެންނެވި ގޮތުގައި ބައްޕައަކީ މުދައްރިސެއް، ބައްޕަ އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާކުރުމާއި އިލްމު އުނގަންނައިދިނުމުގެ މަސައްކަތް. ދީނީ އިލްމު އުނގަންނައިދިނުމާއި ދީނުގައި ކަން އޮންނަ ގޮތް އަންގައިދިނުމަކީ ބައްޕަ މުޅި ހަޔާތް އެކަމަށްޓަކައި ހޭދަކުރެއްވި ބައްޕަގެ އެންމެ އަގުހުރި މަސައްކަތް،" ފިރާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ އަދި އިޖުތިމާއީ މަސައްކަތަށް ވެސް ބައްޕާފުޅު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ބުރަ މަސައްކަތެއް ކުރެއްވި ކަމަށެވެ.

"ސިޔާސީ މަސައްކަތާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ކޮންމެވެސް ވަރަކަށް ދެކެވެމުންދޭ. ސިޔާސީ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށާއި ސާފު މީހަކު ވެސް އެ މަސައްކަތްކުރަން ފަށައިފި ނަމަ، އެ މީހެއްގެ ފަސްބައިގައި ކޮންމެވެސް ވަރަކަށް ހަޑިވާނެކަމުގެ ވިސްނުން އޮވޭ. ނަމަވެސް މި ވިސްނުމަކީ ބައްޕަ އެއާ އެއްވެސް ވަރަކަށް އެއްބަސްވެވަޑައިގަންނަވާ ވިސްނުމެއް ނޫން. ބައްޕަ ދެކެވަޑައިގެންނެވި ގޮތުގައި މުޖުތަމައު އިސްލާހުކުރުމަށާއި ގައުމުގެ ހާލަތު ބަދަލުކުރަން މަސައްކަތްކުރުމަކީ ކޮންމެ މީހަކު ވެސް، އެ މީހެއްގެ ފެންވަރުގައި، އެ މީހަކަށް ކުރެވުނު މިންވަރަކުން ކުރަން ޖެހޭނެ ކަމެއް،" ފިރާސް ވިދާޅުވި އެވެ.

އުމުރުން 55 އަހަރުގައި މަޖީދު އަވަހާރަވީ ސްރީ ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހި، ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

މިރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި މަޖީދާ އެކު މަސައްކަތްކުރެއްވި އެކި ބޭފުޅުން ވާހަކަ ދައްކަވައި މަޖީދުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.