Roadha Mihaaru

ސަންލޭންޑް ނަޒީރުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އިސްލާމީ މަރުކަޒުގައި މިރޭ ބާއްވަން ނިންމައިފި އެވެ.

ނަޒީރުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ
އިފްރާޒް އަލީ
އިފްރާޒް އަލީ

14 މެއި 2025

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އިސްލާމީ މަރުކަޒުގައި މިރޭ ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހ. ލަންޓަން، ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

އުމުރުން 66 އަހަރުގައި ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގަ އެވެ. ނަޒީރުގެ ޖަނާޒާ އިއްޔެ ވަނީ އެ ގައުމުގައި ބާއްވައިފަ އެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.

އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.

ސަންލޭންޑު ގްރޫޕުތަކުގެ ހިއްސާދާރުންގެ ގޮތުގައި ވެސް ދެން ތިއްބެވީ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.

ރިސޯޓު ހިންގުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު ދިވެހި އެއް ކުންފުނި، ސަންލޭންޑުގެ ދަށުން މަކުނދޫ އައިލެންޑް ރިސޯޓާއި ކޮކޯ ޕާމް ބޮޑުހިތި އާއި ކޮކޯ ޕާމް ކުޑަހިތި އާއި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގަ އެވެ.