Roadha Mihaaru

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް 283 ކުދިން ކުރިމަތިލައިފި

ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިހާތަނަށް 283 ކުދިން ފޯމު ހުށަހަޅައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޚަތީބުންގެ ތިންވަނަ ބުރުގައި 283 ކުދިން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 މެއި 2025

ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިހާތަނަށް 283 ކުދިން ފޯމު ހުށަހަޅައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޒުވާން ޚަތީބު ޕްރޮގްރާމަކީ 18 އަހަރު ނުވާ ކުދިންނަށާއި ސްކޫލު ނިންމާފައި ތިބޭ ކުދިންނަށް ޚުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

ޚަތީބުން ތަމްރީން ކުރުމުގެ ދެ ބުރު ނިންމާލާފައި ވާއިރު މިހާރު ވަނީ ތިންވަނަ ބުރުގައި ބައިވެރި ވުމަށް ހުޅުވާލައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.

ތިން ވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.