Roadha Mihaaru
މަންމަން ދެމަފިރިންގެ ނަން ގުގުމާލި ދަރިފުޅު!

ގުރުއާނުގެ އަޑުން މަންމަން ދެމަފިރިންގެ ނަން ގުގުމާލި ދަރިފުޅު!

03 މާޗް 2024

އުފަން ރަށް، ދޫކޮށް އާމިނަތު ފަހުދާ، މާލެ ބަދަލުވާން މަޖުބޫރުވީ މަލާމާތާއި ފުރައްސާރަ އެވެ. އަޑުނީވޭ، ވާހަކަ ނުދެއްކޭ މީހަކު ކިޔަވަން ކުރި ހިތްވަރު މަރާލި އަމަލުތަކާ ހެދި އެވެ. މުހިއްމު މީހަކަށް ނުވެ މުޖުތަމައުން އެކަހެރިކުރި، ފަހުދާގެ ދަރިފުޅު އަލްވާ ހުސެއިން، އޭނާ އަށް ހޯދައިދިނީ މުޅި ރާއްޖޭގެ ސަމާލުކަމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުފަން ރަށް، ދޫކޮށް އާމިނަތު ފަހުދާ، މާލެ ބަދަލުވާން މަޖުބޫރުވީ މަލާމާތާއި ފުރައްސާރަ އެވެ. އަޑުނީވޭ، ވާހަކަ ނުދެއްކޭ މީހަކު ކިޔަވަން ކުރި ހިތްވަރު މަރާލި އަމަލުތަކާ ހެދި އެވެ. މުހިއްމު މީހަކަށް ނުވެ މުޖުތަމައުން އެކަހެރިކުރި، ފަހުދާގެ ދަރިފުޅު އަލްވާ ހުސެއިން، އޭނާ އަށް ހޯދައިދިނީ މުޅި ރާއްޖޭގެ ސަމާލުކަމެވެ.

ވާހަކަ ނުދެެއްކޭ، އަޑުނީވޭ މަންމަ އާއި ބައްޕަ އަށް 12 އަހަރުގެ އަލްވާ ހޯދައިދިނީ ބޮޑު ފަހުރެކެވެ. ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއް ވަނަ ހޯދުމަކީ އާދަޔާޚިލާފު ކާމިޔާބީ އެކެވެ.

ވިނަވި ގުރުއާން ކްލާހުގެ މުބާރާތަށް އަލްވާ ހަސަން ފޯމު ހުށަހެޅީ ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިވާން ބޭނުންވެގެންނެވެ. އެކަމަކު، އިދާރީ އޮޅުމަކާ ހެދި އަލްވާ އަށް ސުވާލު އައީ ހިތުން ކިޔެވުމުގެ ބައިންނެވެ. މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބަޔަށް ތައްޔާރެއް ނުވެވުނެވެ. އެކަމަކު، ވާހަކަ ނުދެއްކޭ އަޑުނީވޭ އާމިނަތު ފަހުދާ އަދި ހުސެއިން ސުނިލްގެ ހުރި ހަމައެކަނި ދަރިފުޅު، އަލްވާ ވަނީ މި ކުޑަ އާއިލާއަށް ބޮޑު ފަހުރެއް ގެނެސްދީފަ އެވެ.

ވާހަކަ ދެއްކުމާއި އަޑުއިވުމުން މަންމަ އާއި ބައްޕަ މަހްރޫމްވެފައި ވިޔަސް، އެ ދެ މީހުންގެ އަޅާލުމާއި އޯގާތެރިކަމާއި ހިތްވަރު އެހެން މީހުންނަށް ދައްކައިދީފަ އެވެ.

ފަހުދާ އަދި ސުނިލް، އެ މީހުންގެ ދަރިފުޅު އަލްވާއާއެކު، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަހުދާ އަދި ސުނިލް، އެ މީހުންގެ ދަރިފުޅު އަލްވާއާއެކު، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މި ކާމިޔާބީއަކީ އަލްވާގެ މަންމަ އާއި ބައްޕައަށް ލިބުނު އެންމެ ބޮޑު އުފާ، ވަަރަށް އުފާވެފައި ތިބީ،" އަލްވާގެ މާމަ، ސަކީނާ އާދަމް "މިހާރު" އަށް ބުންޏެވެ.

މުބާރާތުގައި ހިތުން ކިޔަވަން ޖެހުނަސް އަލްވާ އަށް އުނދަގޫ ނުވީ، ގުރުއާން ހިތުދަސްކުރަމުން އަންނާތީ އެވެ. އަރަބިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ އަލްވާ، މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއް ވަނަ އަދި މުޅި މުބާރާތުން ތިން ވަނަ ހޯދި އެވެ.

އަލްވާއަށް ގުރުއާން ކިޔަވައިދިނުމުގެ ކަންތައްތައް ބަލަހައްޓަނީ ފަހުދާގެ މަންމަ، ސަކީނާ އެވެ. ފަހުދާ ސްކޫލަށް ލައިގެން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭތީ އޭރު އަމާޒުވި މަލާމާތާ ހެދި، ދަރިންނަށް ކިޔަވައިދިނުމުގެ އަޒުމުގައި އުފަން ރަށް، ހދ. ވައިކަރަދޫ ދޫކޮށް ފަސް ކުދިންނާ އެކު އޭނާ މާލެ ބަދަލުވީ 1992 ގަ އެވެ.

ފަހުދާ އަދި ސުނިލް، އެ މީހުންގެ ދަރިފުޅު އަލްވާއާއެކު.

ފަހުދާ އަދި ސުނިލް، އެ މީހުންގެ ދަރިފުޅު އަލްވާއާއެކު.

މާލެއަށް އުފަން ސުނިލް އަކީ ސަކީނާގެ އާއިލާއިން އެއް ދުވަސްވަރެއްގައި ތިބި ގެއާ ކައިރީގައި އުޅުނު މީހެކެވެ. އެ ދެ މީހުންގެ ކައިވެންޏަށްފަހު އަލްވާ ލިބުނުއިރު އުޅެމުން ދިޔައީ، ސުނިލްގެ ގޭގަ އެވެ. އެކަމަކު، ސަކީނާ ބުނީ އެ ދެ މީހުންނަށް އަލްވާއަށް ކިޔަވައިދިނުމަކީ އުނދަގޫ ކަމަކަށް ވާތީ އެންމެ ތުއްތުއިރުއްސުރެ އެ ކުއްޖާ ގެންދާނީ އެ ގެއަށް ކަމަށެވެ. ސަކީނާގެ އެހެން ކުދިންނަކީ ވެސް ގުރުއާންގެ ތެރޭގައި އުޅޭ ބަޔަކަށް ވުމުން އަލްވާއަށް އުޅެ ބޮޑުވެވުނީ އެކަމުގެ ތެރޭގަ އެވެ.

ދޮންދީނި ޕްރީ ސްކޫލުގައި އުޅުނުއިރު ބަލައިގެން ގުރުއާން ކިޔަވަން ނޭނގުމުން، އަޑު އިއްވައިގެން ގުރުއާން ކިޔަވައިދޭން ފެށި އެވެ. އެ ހިސާބުން، ގުރުއާން ހިތުދަސްކުރުމުގެ ހުނަރު ހުރިކަން އާއިލާއަށް ފާހަގަކުރެވުނެވެ. އެ ކުއްޖާ މިހާރު ވަނީ ޔާސީން ސޫރަތުގެ ތިރި އެއްކޮށް ހިތުދަސްކޮށްފަ އެވެ.

ގުރުއާން މުބާރާތުން ވަނަ ހޯދި އަލްވާއަށް އެވޯޑު ހަވާލުކޮށްދެނީ.-

ގުރުއާން މުބާރާތުން ވަނަ ހޯދި އަލްވާއަށް އެވޯޑު ހަވާލުކޮށްދެނީ.-

"ވަރަށް ދަތި ގޮތަކަށް އުޅޭ ކުދި ބައެއް އެއީ. ރޭގަނޑު ނިދަން ދާނީ އަލްވާގެ ބައްޕައަށް ލިބުނު ތަންކޮޅަށް. ހެނދުނު ގުރުއާން ކްލާސް ނިންމާފައި އަންނާނީ މި ގެއަށް. މި ތަނުން ފިލާވަޅުތައް ހަދައި ނިންމައިގެން، ޔުނީފޯމާ އެއްޗެހި ވެސް ހުންނާނީ މި ތަނުގައި. ސްކޫލުން އަނެއްކާ ވެސް އައި މި ގޭގައި ހުރެގެން ކިޔަވާފައި ދެން ގެއަށް ދާނީ. އަލްވާ ކުޑައިރު ޓައިމްޓޭބަލް އަށް ފޮތް އަޅަން ވެސް ދާނީ އަޅުގަނޑު،" އޭނާ ބުންޏެވެ.

ސަކީނާ އަކީ ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މީހެކެވެ. ގާރީ ކޯސް ވެސް ފުރިހަމަކޮށްފައި ހުރުމުން، އަލްވާއަށް ރަނގަޅަށް ކިޔަވައިދެވުނެވެ. އެކަމަކު، ހިތުދަސްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިގަތީ ވިނައވި ގުރުއާން ކްލާހުންނެވެ.

ސަކީނާ ބުނީ އަލްވާގެ މަންމަ އާއި ބައްޕައަށް ވާހަކަ ނުދެއްކި، އަޑު ނީވުނަސް އެ ކުއްޖާގެ ހުރިހާ ކަމެއްގައި އެ ދެ މީހުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ 2 ގައި އުޅެމުން ކޮންމެ ދުވަހަކު ހެނދުނު މާލެ އައިސް ގުރުއާން ކްލާހަށާއި ސްކޫލަށް ގެންދަނީ މަންމަ އާއި ބައްޕަ އެވެ.

"ވަރަށް ބަސްއަހާ، ވަރަށް މަސައްކަތްކުރާ ކުއްޖެއް އެއީ. ސްކޫލުގައި ވެސް ވަރަށް ގިނަ މާއްދާ ކިޔަވާއިރު އުނދަގޫވާނެ. އެކަމަކު ހިތްވަރާ އެކު ކުރިއަށް އެބަދޭ." ސަކީނާ ބުންޏެވެ.

އުނދަގޫ ހާލަތެއްގައި ވެސް އުޅެމުން ގުރުއާން މުބާރާތަކުން ހޯދި ފަހުރުވެރި ވަނައަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ އާއިލާއާ ބައްދަލުކުރައްވައިފަ އެވެ. މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވާހަކަ ނުދެއްކޭ ދެމަފިރިންނާއި އަލްވާއާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށެވެ.