Roadha Mihaaru

ޒަކާތު ބިލާއި ޓެކްސް ނެގުމާ ގުޅުވާތީ މުނީޒާގެ ޖަވާބު: ހޭލުންތެރިކަން ނެތީ

ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމްކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ޓެކްސްއާ ގުޅުވައިގެން ސުވާލު އުފައްދަނީ އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

މުނީޒާގެ ޖަވާބު: ޒަކާތް ފުޅާކުރަން ހޭލުންތެރިކަން ނެތީ

ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމްކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ޓެކްސްއާ ގުޅުވައިގެން ސުވާލު އުފައްދަނީ އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ ސަރުކާރަށް ޓެކްސް ދައްކަމުން އައި ނަމަވެސް، ޒަކާތު ފަންޑުގެ ނިޒާމުގެ ތެރެއިން އިންވެސްޓް ކޮށްގެން ފަގީރުންނާއި މިސްކީނުންނަށް ޒަކާތް ބެހުމުގެ ކަންކަން ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެވެެ. އެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ނަގަނީ ރައްޔިތުންނަށް ހިދުމަތްތައް ދީ، މުޖުތަމައު މުއްސަނދި ކުރަން ކަމަށް ވާއިރު ޒަކާތުގެ ފައިސާ އިން އިންވެސްޓް ކުރާ ގޮތާ މެދު ސުވާލު އުފައްދާ މީހުން ވަރަށް ގިނަ އެވެ.

ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،"--- މުނީޒާ

އިސްލާމިކް ފައިނޭންސިން ދާއިރާގައި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުނީޒާ ވަނީ ޒަކާތު ކޮންފަރެންސްގައި އެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް މިއަދު ޖަވާބު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ރާއްޖޭގައި އަމަލު ކުރާއިރު ވެސް ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ހަދާތީ ސުވާލު އުފެއްދުމުން ދޭހަވަނީ އަދިވެސް ދިވެހިން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަން ކަމަށެވެ.

މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މުނީޒާ ވިދާޅުވީ، ދިވެހިންނަށް ތަކުރާރުކޮށް ވިސްނައި ދޭން ޖެހެނީ ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެން ގޮތެއް ނޫން ކަމަށެވެ.

"... ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،" ޓެކްސް އާއި ޒަކާތުގެ ގާނޫނުގެ ތަފާތު ދައްކަވަމުން މުނީޒާ ވިދާޅުވި އެވެ.

"ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނުތަކެއް. ޒަކާތަކީ ގުރުއާނުގައި ބަޔާން ކުރައްވާފައިވާ، ލިބޭ ވަރު، ގިންތިތަކެއް ސާބިތުކަމާ އެކު ބަޔާން ކުރައްވާފައިވާ އިލާހީ ގޮތުން ލާޒިމް ކުރާ އެއްޗެއް."

މުނީޒާ ވިދާޅުވިގޮތުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގަން ވަކިން ހާއްސަ ގާނޫނެއް ބޭނުންވަނީ އެހެން ވެގެންނެވެ. ނަމަވެސް އޭނާ ވިދާޅުވީ، ހަމައެކަނި ގާނޫނެއް ހަދައިގެން ފަރުޖެއްސެން ވެސް ނެތް ކަަމަށެވެ. އެގޮތުން ޒަކާތް ނެގުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އާ ވިސްނުންތަކަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ފެށި ޒަކާތު ކޮންފަރެންސްގެ ބައެއް ބައިވެރިން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު ފެށި ޒަކާތު ކޮންފަރެންސްގެ ބައެއް ބައިވެރިން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މިހާރުގެ އާންމު އުސޫލަކީ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކޮށްދިނުން. އެހެންކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަށް. އެކަމަކު، ޒަކާތަކީ އެ އަށް ވުރެ ބޮޑު މަގުސަދެއް ހާސިލް ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް،" މުނީޒާ ވިދާޅުވި އެވެ.

"ޒަކާތަކީ ހަމައެކަނި އެއް ދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށް ދޭ ފައިސާއެއް ނޫން. އެއީ މީހެއްގެ ދިރިއުޅުން ފަގީރުކަމުން މުއްސަނދިކަމަށް އަދި މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލު ކޮށްލެވޭނެ އެއްޗެއް."

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ޒަމާނީ ކުރުމަށް ވެސް މުނީޒާގެ ވާހަކައިގައި ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އެއީ:

● ޓެކްނޮލީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުން

● ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލް ކުރުން. އޮންލައިން ޕޯޓަލްތަކާއި މޮބައިލް އެޕްތަކާއި ޑިޖިޓަލް ވޮލެޓްތަކުގެ ޒަރީއާ އިން ޒަކާތް ޖަމާކުރާ ފަރާތްތަތަކަށް ފައިދާ ލިބޭ. މިސާލަކަށް ބްލޮކް ޗެއިން ފަދަ ޓެކްނޮލޮޖީގެ އެހީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވިދާނެ.

● ގޭބީސީތަކުގެ ފަގީރުކަން ރިއަލް ޓައިމްގައި ބެލުމަށް އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ބޭނުންކުރުން. އޭރުން އެންމެ ބޭނުންވާ މީހާ އަށް ޒަކާތް ފޯރުކޮށްދެވޭނެ.

● ޒަކާތާ މެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތަކެއް ފެށުން. ޒަކާތާ ގުޅޭ އެންމެ އަސާސީ ކަންކަމަށް ވެސް ދިވެހިން ހޭލުންތެރި ކުރަންޖެހޭ.

● ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުން

● ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުން

މިއަދުގެ ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެ ކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޒަކާތު ބިލާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ބިލް ފަރުމާކުރީ "ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް" ކަމަށެވެ. ޒަކާތާ ބެހޭ ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައި ވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުގައި ނެތް ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަކާތާ ގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގަައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއް ކަމަށާއި އެ ކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް މިއަދުގެ ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.