Roadha Mihaaru
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް

ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ފަހުގެ ތާރީހުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރު

25 ޑިސެމްބަރ 2024

ޒަކާތު ފަންޑަަށް މި އަހަރު 98 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒަކާތު ފަންޑަަށް މި އަހަރު 98 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިއީ، ފަހުގެ ތާރީހުގައި އެ ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށެވެ.

އެ މިނިސްޓްރީގެ އަމާޒަކީ މަދުވެގެން 100 މިލިއަން ރުފިޔާ އަށް އެ ފަންޑު މަތިކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރުއީ އަސާސްގެ އަލީގައި ޒަކާތުގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ހާއްސަ އިދާރާއެއް އުފެއްދުމުގެ ހެޔޮ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ. މި އަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު، އާއްމުން ހޭލުންތެރިކުރުވަން ފެށުމުގެ ނަތީޖާއެއްގެ އެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒަކާތާ ގުޅޭ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ އިސްލާމިކް މިނިސްޓްރީގެ ވަކި ޑިޕާޓްމަންޓެއްގެ ދަށުންނެވެ. އެކަމަށް ހާއްސަ ވަކި އިދާރާއެއް އުފެއްދީ ޑިސެމްބަރު 18، 2023 ގަ އެވެ. ބޭސް ފަރުވާ އަދި މަތީ ތައުލީމު ހާސިލްކުރުމަށް ވެސް އެ ފަންޑުން އެހީތެރިކަން ދެ އެވެ. އޭގެ ތެރެއިން، ބޯންމެރޯ ހެދުމަށް ގިނަ ކުދިން ބޭރަށް ފޮނުވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވައިފަ އެވެ.