Roadha Mihaaru

ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ

ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްގެ ފުރުސަތު ލިބުނު 24 މީހަކާ މިރޭ ލިޔުން ހަވާލުކޮށްފި އެވެ.

ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އޯގަސްޓް 2025

ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްގެ ފުރުސަތު ލިބުނު 24 މީހަކާ މިރޭ ލިޔުން ހަވާލުކޮށްފި އެވެ.

ސްކޮލަޝިޕް ލިބުނު މީހުންނާ އެ ލިޔުން ހަވާލު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އެ ސްކޮލަޝިޕްތަކަށް ހުޅުވާލުމުން ޖުމްލަ 27 އެޕްލިކޭޝަނެއް ލިބުނު ކަމަށެވެ. އެއީ މަތީ ތައުލީމުގެ ހާސިލްކުރުމަށް ދޭ ސްކޮލަޝިޕަށް ހުށަހެޅި 18 އެޕްލިކޭޝަނާއި ހާއްސަ ސްކޮލަޝިޕަށް ހުށަހެޅި 9 އެޕްލިކޭޝަން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރެއިން 17 މީހަކަށް ފުލް ސްކޮލަޝިޕާއި ހަ މީހަކަށް ސްޓައިޕެންޑް އަދި އެކަކަށް ޓިއުޝަން ފީގެ ފުރުސަތު ލިބުނެވެ.

މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ސްކޮލަޝިޕްގެ ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސްކޮލަޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ގައުމަށް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދިނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށާއި ގައުމާއި އިސްލާމީ ހަޟާރަތު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މި މުހިންމު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ރާއްޖެއިން މަތީ ތައުލީމު ހާސިލްކުރުމުގެ 20 ފުރުސަތަކާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތެކެވެ. ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލި 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށެވެ.

ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދީ އަރަބިއްޔާގެ އިތުރުން މިސްރު އަދި ސާކް ގައުމުތަކުގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުންނެވެ. މެލޭޝިއާ އާއި ބުރުނާއީން ކިޔެވުމަށް 17 ފުރުސަތަށް ހުޅުވާލި އެވެ.

ޝަރީއާ އާއި އަލްޤަޟާ އާއި ތަފްސީރާއި ހަދީސާއި އުލޫމުލް ގުރުއާނާއި އަރަބި އަދި އުސޫލުއްދީނާއި އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުން އަންނަ މަރުކަޒުން ދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށް ވެސް މިނިސްޓްރީން ހަމަޖެއްސި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ސްކޮލަޝިޕްގައި ދިނުމުގައި އިސްކަންދީފައި ވަނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.

ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން ފީ އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް މި ފުރުސަތުގެ ދަށުން ދޭނެ އެވެ.