Roadha Mihaaru

ޒަކާތާ ގުޅޭ ބިލް މަޖިލީހުން ބަލައިގެންފި

ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 އޯގަސްޓް 2025

ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 72 މެމްބަރުންގެ ވޯޓުން އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފަ އެވެ.

އެ ބިލުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.

ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓާ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު އިންނަން ޖެހެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން އިސް ބޭފުޅަކާއި ފަތުވާ މަޖިލީހުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީން ބޭފުޅަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ދެ ބޭފުޅަކު ވެސް އެ ކައުންސިލުގައި އިންނަން ޖެހެ އެވެ.

އެ ބިލުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީގައި ހިމަނާފައިވެ އެވެ.

އެއްވެސް ފަރާތަކުން ސައްހަ ނޫން ނުވަތަ ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދައިފިނަމަ އެ ކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާ އެކު ޒަކާތު ހައުސް އިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން ނަން އުނިކުރާނެ ކަމަށް އެ ބިލުގައިވެ އެވެ.