Roadha Mihaaru

މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު އިތުރު ވެއްޖެ އެވެ.

މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 އެޕްރީލް 2025

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު އިތުރު ވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 9،264.15ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ހުރީ 7،140ރ.ގަ އެވެ. އެއީ މިދިޔަ ޖެނުއަރީގަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމެއް 15.57ރ. އަދި ރަން ގްރާމަކަށް 1،601.52ރ. ގަ އެވެ.

މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.