Roadha Mihaaru

ޒަކާތުގެ ފައިސާއިން ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަރަދުކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 މާޗް 2025

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަރަދުކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 4،500ރ. ޖަމާކޮށްދީފައިވާ ކަމަށެވެ.

އެ ލިސްޓުގައި މި ވަގުތު ތިބީ 2،765 މީހުންނެވެ. އެހެންވެ، ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ގޮވާމުން ލިބުނު ޒަކާތް، މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވެ އެވެ.

އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ސަރުކާރުން ވަނީ ހުރިހާ ފަގީރުންނަށް ވެސް އެއްވަރަކަށް ޒަކާތް ބަހަން ނިންމައިފަ އެވެ.

މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. އެގޮތަށް ހެދުމުން، ބައެއް ރަށްރަށުގައި ޒަކާތުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ފަގީރުންނަށް ލިބެ އެވެ.

ޝަހީމް ކުރިން ވިދާޅުވީ ޒަކާތް އެއްހަމަ ކުރުމުން މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލާ ކަމަށެވެ.