Roadha Mihaaru
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ގުނޫތު ކިޔަން ފަށަނީ

ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ގުނޫތު ކިޔަން އަލުން މިއަދު ފަށަނީ

29 މެއި 2024

ފަލަސްތީނުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ފަށާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ފަށާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ބުނީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.

"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާ އެކު ދުއާ ކުރަންވީ ވަގުތު،" މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އިޒްރޭލުގެ ޖަރީމާތައް ހައްދުފަހަނައަޅާ ހިސާބަށް ދާ ކޮންމެ ފަހަރަކު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ދެއްވުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ފަހަކަށް އައިސް ގުނޫތު ކިޔަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދު ވެފަ އެވެ.

ރަފަހް އަށް އަރައިގަތުމުގެ އޮޕަރޭޝަން އިޒްރޭލުން ފުޅާކުރަމުންދާ އިރު، 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި ހޮސްޕިޓަލުތައް ވެސް މިހާރު ނުހިންގޭ ހާލަތުގައި ހުރި އިރު، އެހީ ވެއްދޭނެ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާތީ، ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު ވެސް އދ. އިން ވަނީ ދީފަ އެވެ.