Roadha Mihaaru

"ޣައްޒާ ބަނޑަށް މަރުވަނީ"، ހުކުރު ދުވަހު ރަސްފަންނުގައި އަންހެނުންގެ ހިމޭން އިހުތިޖާޖެއް

"ޣައްޒާ ބަނޑަށް މަރުވަނީ" ގެ ނަމުގައި މާދަމާ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފި އެވެ.

"ޣައްޒާ ބަނޑަށް މަރުވަނީ" ހުކުރު ދުވަހު ރަސްފަންނަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

31 ޖުލައި 2025

"ޣައްޒާ ބަނޑަށް މަރުވަނީ" ގެ ނަމުގައި މާދަމާ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެ އެސޯސިއޭޝަނުން މިއަދު ބުނީ އެއީ އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ "ހިމޭން އިހުތިޖާޖެއް" ކަމަށެވެ.

މާދަމާގެ ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައި ބާއްވާ އެ އިހުތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ އެސޯސިއޭޝަނުން އެދެ އެވެ.

އިޒްރޭލު ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 60،000 އަށް ވަނީ އަރައިފަ އެވެ.

ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ހަމަލާދޭތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު ހައިހޫނުކަން ވަނީ މިއިން ދުވަހަކު ގޯސްނުވާ ވަރަށް މިހާރު ގޯސްވެފަ އެވެ. އދ. އިން ބުނެފައި ވަނީ ކާބޯތަކެތި ހޯދަން މީހުން ދާ، އެހީގެ މަރުކަޒުތަކުގެ ކައިރީ އެކަނި ވެސް އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްފައިވާ ކަމަށެވެ.

ގާޒާ އިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެ ތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 130 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 85 ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.