Roadha Mihaaru
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ގާޒާގެ ސްކޫލަކަށް ހަމަލަދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކުރި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

11 އޯގަސްޓް 2024

ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުންދިޔަ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ޝަހީދުވުމުން އެކަން ދިވެހި ސަރުކާރުން ރޭ ކުށްވެރި ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުންދިޔަ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ޝަހީދުވުމުން އެކަން ދިވެހި ސަރުކާރުން ރޭ ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އާންމުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޔުނައިޓެޑް ނޭޝަން ސެކިއުރިޓީ ކައުންސިލުގެ 2610 ރިސޮލިއުޝަނާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ މައުސޫމު އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ދެމުންދާ އެ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވެސް ގޮވާލައިފަ އެވެ. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރުމުގައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

އިޒްރޭލުން ރޭ ފަތިހު، ގާޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި އަނިޔާވި މީހަކަށް އެހީ ޖަމިއްޔާއަކުން އެހީތެރިކަން ފޯރުކޮށްދެނީ: އެހީގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ-- ފޮޓޯ: އޭއެފްޕީ

ގާޒާގެ އައް-ތާބިއީން ސްކޫލަށް ފަތިހު ދިން އެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި މިހާ ގިނަ ބަޔަކު ޝަހީދުވި އެއް ހަމަލާ އެވެ. އެ ތަނުގައި އެހީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު، އިޒްރޭލުން މި ފަހަރު ވެސް ބުނީ އެ ތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށެވެ. އެކަމަކު ހަމާސް އިން އަބަދުވެސް ބުނަމުންދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުން އުޅޭ އެހެން ތަންތަން އަސްކަރީ ކަންކަމަށް ބޭނުން ނުކުރާ ކަމަށެވެ.

އެ ހަމަލާއާ އެކު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިވަނީ 39،000 އިން މައްޗަށް އަރައިފަ އެވެ. ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިތުރު ގައުމުތަކުން ވެސް ދަނީ މި ހަމަލާ ކުށްވެރިކުރަމުންނެވެ.