Roadha Mihaaru
ދެ މިލިއަން މަސްދަޅު ފަލަސްތީނަށް ފޮނުވޭ ގޮތެއް ނުވޭ

ދެ މިލިއަން މަސްދަޅު އަދިވެސް ފަލަސްތީނަށް ފޮނުވޭ ގޮތެއް ނުވޭ

21 ފެބުރުއަރީ 2024

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެ އިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ކުރީގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް، އަދިވެސް އެ ތަކެތި ފަލަސްތީނަށް ފޮނުވޭ ގޮތް ނުވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެ އިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ކުރީގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް، އަދިވެސް އެ ތަކެތި ފަލަސްތީނަށް ފޮނުވޭ ގޮތް ނުވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، އަދި އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެހީތެރިކަމެއްގެ ގޮތުން ރާއްޖެ އިން ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިނިސްޓަރު ޒަމީރާ މިއަދު ސުވާލު ކުރުމުން ވިދާޅުވީ، މަސްދަޅުތައް ފޮނުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށާއި ނަމަވެސް، އެކަމަށް އޮތީ ވަރަށް އުނދަގޫ މަގެއް ކަމަށެވެ.

އެހެންވެ މިސްރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ފަލަސްތީނު ރައްޔިތުންނާ ހަމައަށް މަސްދަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އެކަމަކު އަދި ހަމަ އެ އެއްޗެހި ގެންދެވޭ ގޮތެއް އަޅުގަނޑުމެންނަކަށް ނުއެއްވޭ. މިހާރު ވެސް މި ތިބީ ރެޑީގައި. މިސްރު ސަރުކާރުން ވެސް އެބަ ވިދާޅުވޭ އެ މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެބަ ހަމަޖެހެއޭ. އެހެންވީމާ އަޅުގަނޑުމެން މި ތިބީ ހަމަ ރެޑީވެގެން ހަމަޖެހުމާ އެކު އެ އެއްޗެހި ޑެލިވާ ކުރަން،" ޒަމީރު ވިދާޅުވި އެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަވެރިން 250 އެއްހާ މީހުން ރަހީނުކުރި އިރު ގާތްގަނޑަކަށް 1،160 މީހުން ހަމަލާތަކުގައި އިޒްރޭލުން މަރާލި އެވެ. ބަދަލުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 29،000 އެއްހާ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ދެކުނު އެފްރިކާގައި 1994 ވަނަ އަހަރުގެ ކުރިން އޮތް ނަސްލީ ތަފާތުކުރުމަށް ވުރެ މާ ބޮޑަށް އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކުގައި އެފަދަ އަމަލުތައް ހިންގާ ކަމަށް ދުނިޔޭގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިއްޔެ ދެކުނު އެފްރިކާއިން ވަނީ ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދެކުނު އެފްރިކާ އިން މިހެން ބުނެފައި ވާއިރު އެ ގައުމުގެ ހުށަހެޅުމަށް 52 ގައުމަކުން ކޯޓުގައި ތާއީދުކުރެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މަޖިލީހުގެ ކޮމިޓީ އަށް މިއަދު މިނިސްޓަރު ޒަމީރު ދެއްވި ސްޓޭޓްމެންޓްގައި ވިދާޅުވީ، އިރުމަތީ ގުދުސް ހިމެނޭހެން އިސްރާއިލް އިން ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ މެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭ ގޮތުން އދ.ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފައަށް އެދިފައިވާ މައްސަލާގައި ރާއްޖެ އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"އެގޮތުން ރާއްޖެ އިން ވަނީ ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން 25 ޖުލައި 2023 ވަނަ ދުވަހު އައިސީޖޭ އަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައި އަދި މި މައްސަލައާ ގުޅޭ ގޮތުން 26 ފެބުރުއަރީ 2024 ގައި އައިސީޖޭގައި ދިވެހިރާއްޖެ އިން އޯރަލް ސްޓޭޓްމެންޓެއް ދިނުމަށް ތަވާލުކުރެވިފައިވާތީ ދިވެހި ސަރުކާރުން މި ގެންދަނީ މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން،" ޒަމީރު ވިދާޅުވި އެވެ.

އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލައަށް ވެސް ރާއްޖެ އިން ތަދައްހުލުވެ، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ ޔަގީންކަމަކީ ރާއްޖެ އޮންނާނީ ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ސާބިތުވެކަން ކަމަށެވެ. ރާއްޖެ އިން ތާއީދު ކުރަނީ ޓޫ ސްޓޭޓް ސޮލިއުޝަންއަކަށް ކަމަށާއި ގަބޫލުކުރާ ގޮތަކީ ދެ ގައުމުގެ ވަކިވެ ބޯޑަރު އޮންނަން ޖެހޭނީ އިސްރާއިލް ގަދަ ބާރުން ފަލަސްތީނަށް އަރައިގަތުމުގެ ކުރިން 1967 ގެ ކުރިން އޮންނަ ބޯޑަރަށް ކަމަށް ޒަމީރު ވިދާޅުވި އެވެ. ރާއްޖޭގެ ސްޓޭންޑަކީ ފަަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމާއި އެ ދައުލަތަށް ހުރިހާ ހައްގުތަކެއް ވެސް ލިބިގެން ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.