Roadha Mihaaru
ފަލަސްތީނު ފަންޑުއެހީ 50،000 ޑޮލަރަށް އިތުރުކޮށްފި

ފަލަސްތީން ފަންޑަށް ރާއްޖެ އިން ދޭ އެހީ 5،000 އިން 50،000 ޑޮލަރަށް އިތުރު ކޮށްފި

12 ޖޫން 2024

ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) އަށް ރާއްޖެ އިން އައީ ކޮންމެ އަހަރަކު 5،000 ޑޮލަރުގެ އެހީއެއް ދެމުންނެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ، ފަލަސްތީނަށް ރާއްޖެއިން ދޭ އެހީގެ އަދަދު 50،000 ޑޮލަރު އިތުރަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި ދައުލަތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީވެދީފައި. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީގެ ގޮތުގައި 5،000 ޑޮލަރު ޑޮލަރު ދަނީ ދެމުން. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނަށް ވެފައިވާ އެހީގެ ގޮތުން ރައީސް ވަނީ މި އަހަރު މި ފަންޑަށް 50،000 ޑޮލަރު. އެއީ ކުރިން ދެމުން އައި އަދަދުގެ 10 ގުނަ ހަދިޔާ ކުރާ ގޮތަށް ނިންމަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެއްޓުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެއްޓުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޒަމީރު ވިދާޅުވީ އެ ޓެލެތޯންއިން ލިބޭ ފައިސާ ޔޫއެންއާރްޑަބްލިވްއޭ ހަވާލު ކުރާނީ ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ޓެލެތޯން އިން ލިބޭ ފައިސާ ހަމައަށް އެ ފަރާތަށް ރައްދު ކުރެވޭތޯ ބެލުމަށްޓަކައި މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސައިފަ އެވެ.

"ކްރޯވް މޯލްޑިވްސް އެލްއެލްޕީ ވަނީ މި މަސައްކަތާއި ހަވާލުވެފައި. އެ ބޭފުޅުން އޮޑިޓް ކުރެެއްވީމާ އެ ފައިސާ އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޔޫއެންއާރްޑަބްލިވްއާ ހަވާލުކޮށް، އެ ފައިސާ ލިބުނުކަން ޔަގީން ކުރުމަށް ފަހު ރައްޔިތުންނަށް އަޅުގަނޑުމެން އަންގައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ޓެލެތޯނެއް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.