Roadha Mihaaru
ހަ ގަޑިއިރުން ޓެލެތޯންއަށް 1.8 މިލިއަން ރުފިޔާ

ހަ ގަޑިއިރުން ޓެލެތޯންއަށް 1.8 މިލިއަން ރުފިޔާ

12 ޖޫން 2024

ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ހަ ގަޑިއިރު ތެރޭ 1.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ހަ ގަޑިއިރު ތެރޭ 1.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށީ ހެނދުނު 8 ޖެހިއިރު އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި ފޮށިތަކުގެ އިތުރުން މެންދުރު އެކެއް ޖެހުމާ ހަމައަށް 1.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބީއެމްއެލް އެކައުންޓާއި ޔޫއެސްޑީ އެކައުންޓަށް ފައިސާގެ ގޮތުގައި މިހާތަނަށް 1.8 މިލިއަން ލިބިފައިވޭ. އޭގެ ތެރޭގައި ހިމެނޭ 5754 ޑޮލަރު،" ޒީނާ ވިދާޅުވި އެވެ.

ފަލަސްތީނަށް އެހީވުމަށް ބަހައްޓާފައި ހުރި ފަންޑު ފޮށިތައް ގުނަން ފަށާނީ ހަވީރު ހައެއް ޖަހާއިރު އެވެ.

ޒީނާ ވިދާޅުވީ އެ ފައިސާ ގުނާނީ އޮޑިޓް ކުރުމަށް ދީފައިވާ ކްރޯވް މޯލްޑިވްސް އެލްއެލްޕީގެ މެމްބަރުން، ފައިސާ ގުނާ ވަގުތު ހަރަކާތްތެރިވާނެ ކަމަށެވެ.

"އެ ފޮށިތަށް ގުނުމުން ވަރަށް ބޮޑު އަދަދެއް އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޒީނާ ވިދާޅުވި އެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

އެ ޓެލެޓޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިީހުގައި ފަށައިފަ އެވެ.