Roadha Mihaaru
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ

ޒަމީރު ނިއު ޔޯކަށް ވަޑައިގެން ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ

27 ޖޫން 2024

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފި އެވެ.

ޒަމީރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވެރިރަށް ވޮޝިންގްޓަނަށް ފަހު، މިއަދު ނިއު ޔޯކަށް ވަޑައިގެން، އެންމެ ފުރަތަމަ ވެސް ބައްދަލުކުރައްވާފައިވަނީ ފަލަސްތީނުގެ މަންދޫބާ އެވެ.

މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ އެކު އދ. ގެ ދާއިމީ މެމްބަރެއްގެ ދަރަޖަ ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުކަމާ އެކު ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކެނޑިނޭޅި އަޑުއުފުލާނެ ކަމުގެ ޔަގީންކަން ވެސް ޒަމީރު ދެއްވި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާ އަށް ފެއްޓެވި ދަތުރުގައި ޒަމީރު ފުރަތަމަ ވަޑައިގަތީ ވޮޝިންގްޓަނަށެވެ.

ވޮޝިންގްޓަންގައި ޒަމީރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާއި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ގެ އިތުރުން އެމެރިކާ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ނިއު ޔޯކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާ ޒަމީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނިއު ޔޯކަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަތަރު ދުވަހުގެ މި ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ނިއު ޔޯކްގައި ދިރިއުޅޭ ދިވެހިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.