Roadha Mihaaru
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި

ދަރަނި ދެއްކުން ފަސްކުރުމާއި ބޭރުގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި: ޒަމީރު

25 އޯގަސްޓް 2024

ޗައިނާ އާއި އިންޑިއާ އަށް ކައިރި މުސްތަގުބަލެއްގައި ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، ބޭރުގެ ބައެއް ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އާއި އިންޑިއާ އަށް ކައިރި މުސްތަގުބަލެއްގައި ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، ބޭރުގެ ބައެއް ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި، ހަތަރު ވަޒީރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔަތަކާ އެކު ހާރިޖިއްޔާ އިން އިސްވެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ތަރައްގީގެ އެކި މަޝްރޫއުތަކަށް ކުރީގެ ސަރުކާރުތަކުގައި އެންމެ ގިނައިން ލޯނު ނަގާފައިވާ ދެ ގައުމު ކަމަށްވާ އިންޑިއާ އަދި ޗައިނާ ފާހަގަކުރައްވައި، އޭނާ ވިދާޅުވި ގޮތުގައި އެ ދެ ގައުމާ އެކު ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް ގިނަ މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ.

"...ފަންކްޝަނަލް ނޫން އެސެޓްސްތަކަށް ދައްކަން ހުރި ލޯނުތަކަށް އެ ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ޕޭމަންޓް ޝެޑިއުލްތައް ބަދަލުކުރުމުގެ މަޝްވަރާތައް ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު މި ފަހުން ވަނީ، ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވެސް ގުޅުން ބަދަހިކުރުމާ އެކު އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ފޮރިން މިނިސްޓަރު ޒަމީރު ނޫސްވެރިންނާ އެކު. --ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ފޮރިން މިނިސްޓަރު ޒަމީރު ނޫސްވެރިންނާ އެކު. --ފޮޓޯ: ރައީސް އޮފީސް

ދަރަނި ދެއްކުން ފަސްކުރުމާ އެކު، މާލީ އެހީތެރިކަން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅަކާ އެކު މި މަހު މެދުއިރުމަތީގެ ބަހްރެއިނާއި ސައުދީ އަރަބިއްޔާއަށް މިނިސްޓަރު ޒަމީރު ކުރެއްވި ރަސްމީ ދަތުރުތަކުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަން މިއަދު ހާމަކުރެއްވި އެވެ.

"...މި ހުރިހާ ކަމެއްގައި ވެސް އިރާދަކުރެއްވިއްޔާ ވަރަށް ގްރީން ސިގްނަލް ލިބިގެން ފޮލޯ އަޕް މަސައްކަތްތައް ކުރެވެމުން އެބަދޭ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު މިސްރާބެއްގަ އެވެ. އެކަމަކު ކުރީގެ ސަރުކާރުތަކުން ވާރުތަވެފައި ހުރި ޒަމާންވީ ދަތިތައް ފިލުވައި، ރައީސް މުއިއްޒުގެ ތަރައްގީ އާއި އިގުތިސާދީ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެ ކަންކަން ހާސިލްކުރަން، އާމްދަނީ އިތުރުކޮށް އިގުތިސާދު ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުން، އޭނާ ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ލަސްތަކެއް ނުވެ ހާސިލުކޮށްދެވޭނެ ކަމަށެވެ.

ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިންގަލް ޗައިނާ ސަރުކާރުން ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވެސް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.