Roadha Mihaaru
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު

ރާއްޖެ އާއި އިންޑިއާގެ ވަރުގަދަ ގުޅުން ދަމަހައްޓާނަން: ޒަމީރު

09 އޯގަސްޓް 2024

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަމީރު އެގޮތަށް ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހިސަރުކާރުގެ ފަރާތުން އޭނާ އަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ޒަމީރެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު ރަތްދޫލައިގެ މަރުހަބާއެއް މިއަދު ދަންނަވަނީ: މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރު --- ފޮޓޯ/އިންޑިއަން ހައިކޮމިޝަން

ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު ރަތްދޫލައިގެ މަރުހަބާއެއް މިއަދު ދަންނަވަނީ: މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރު --- ފޮޓޯ/އިންޑިއަން ހައިކޮމިޝަން

މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން މިރޭ އިރާކޮޅު ފޮރިން މިނިސްޓްރީ އަށް ޖައިޝަންކަރު ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާ އެކު، ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމަށާއި ދެ ގައުމުގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޖައިޝަންކަރުގެ މި ދަތުރުގެ ތެރެއިން މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ގުޅިގެން އެކުވެރިކަމާ އެކު ކުރިއަށް ދިއުމުގެ އަޒުމުގައި،" ޒަމީރު ވިދާޅުވި އެވެ.

މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވި ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޖައިޝަންކަރު ތިން ދުވަހަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ވެސް މަޝްވަރާތައް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޖައިޝަންކަރާ ބައްދަލުކުރެއްވި އެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި މާލެ އާއި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ތިން ފަހަރެއްގެ ޖައިޝަންކަރު ރާއްޖެ އަށް ވަޑައިގެންނެވި އެވެ.