Roadha Mihaaru
ޒަމީރު، ޖައިޝަންކަރަށް؛ ހައްލު ހޯދަން ހިންގަވާ

ޒަމީރު، ޖައިޝަންކަރަށް؛ އެކުގައި މަސައްކަތްކޮށް ކަންބޮޑުވުންތަކަށް ހައްލު ހޯދަން ހިންގަވާ

18 ނޮވެމްބަރ 2023

ދެ ގައުމާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ރާއްޖޭގެ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް މިއަދު ދަންނަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދެ ގައުމާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ރާއްޖޭގެ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް މިއަދު ދަންނަވައިފި އެވެ.

ޒަމީރު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައި، ފޮރިން މިނިސްޓަރަކަށް ޒަމީރު އައްޔަން ކުރެއްވުމާ ގުޅިގެން އެކްސް މެދުވެރިކޮށް ޖައިޝަންކަރު މަރުހަބާ ދެންނެވުމުން އެ މެސެޖަށް ދެއްވި ޖަވާބުގަ އެވެ.

"އަޅުގަނޑު އިންތިޒާރު ކުރަނީ، ދެ ގައުމާ ގުޅުން ހުރި މައްސަލަތަކާއި ކަންބޮޑުވާ މައްސަލަތަކުގައި ތިޔަ ބޭފުޅުންނާ އެކު މަސައްކަތް ކުރުމަށާއި އަޅުގަނޑުމެންގެ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން އަލުން ފާހަގަކޮށް ކުރިއެރުވުމަށް،" ޒަމީރު ވިދާޅުވި އެވެ.

އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (މ) މިނިސްޓަރު ކަމުގެ ހުވާ ކުރައްވަނީ: ރާއްޖެ-އިންޑިއާއާ ގުޅުންހުރި މަސަލަތައް ހައްލުކުރައްވަން އިންޑިއާއެކު މަސައްކަތްކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް

އިއްޔެ އުފެއްދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ، ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބޭއްވި ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބުނަމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަކީ އާ ސަރުކާރުގެ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ވެސް ހިމަނުއްވާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ އަދި ބޭރުގެ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ދޭދޭ ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ ފަދަ ކަންކަން އާންމު ކުރާނެ ކަމަށް ވެސް އެ މަގުޗާޓުގައި ވެ އެވެ.

ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކުގައި ކަމަށެވެ.