Roadha Mihaaru
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

08 މެއި 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ފުރާވަޑައިގެންފި އެވެ.

އަންނަ ހުކުރު ދުވަހާ ހަމައަށް ކުރައްވާ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ ޒަމީރު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ. އަދި އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީ އަށެވެ.

އާ ސަރުކާރުން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އިންޑިއާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އަމާޒުވެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެ އިން ގެންގުޅެނީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށާއި ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވީ އިންޑިއާ އިން ރާއްޖޭގެ އަސްކަރިއްޔާ އަށް ހަދިޔާކުރި ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. އެ ވައުދާ އެއްގޮތަށް އިންޑިއާގެ ސިފައިން ބާލައި އެ އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ގެންނަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ބެޗެއް މިހާރު ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލައިފަ އެވެ. އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު އަންނަ ހުކުރު ދުވަހުގެ ކުރިން ރާއްޖެއިން ފުރާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ރާއްޖެ އިން ބާލަނީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އޭގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.