18 ނޮވެމްބަރ 2024
މި ސަރުކާރުގެ ސިޔާސަތު ބިނާވާނީ، ދިވެހިން އެންމެ ކުރިއަށް ލައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ މައްޗަށް ކަމަށް، މީގެ އެއް އަހަރު ކުރިން ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި ޔަގީންކަން ދެއްވި އެވެ.
މި ސަރުކާރުގެ ސިޔާސަތު ބިނާވާނީ، ދިވެހިން އެންމެ ކުރިއަށް ލައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ މައްޗަށް ކަމަށް، މީގެ އެއް އަހަރު ކުރިން ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު ގައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހުތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރައްވަން ޖުމްހޫރީ މައިދާންގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު ރައީސް އެ ވިދާޅުވި ރަތް ރޮނގު، ރާއްޖޭގެ އެންމެ ޒަމާންވީ އެކުވެރިޔާ، އިންޑިއާ އަށް މާ ފުޅާކޮށް ދެންމެވިހެން ވެރިކަމުގެ ކުރީކޮޅު ހީވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން، ރައީސް މުއިއްޒުގެ ސަރުކާރު އިންތިހާބުވީ، އެކަމާ ދެކޮޅަށް ހިންގި ވަރުގަދަ "އިންޑިއާ އައުޓް" ކެމްޕޭނެއްގެ މަތީގަ އެވެ. އޭގެ އިތުރަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވުމުން، އޭރު ގެންގުޅުނު "ޕްރޯ ޗައިނާ" ސިޔާސަތުގެ ހިޔަނި ވެސް ރައީސަށް އޮތީ އެޅިފަ އެވެ.
އެއާ އެކު، އެ މަނިކުފާނުގެ އަމަލުންނާއި ބަސްމަގު އޭރު ބެެހެއްޓެވި ގޮތުން، އިންޑިއާ އަށް ދެންމެވީ ވަކި ރޮނގެއް ކަމަށް ބުނާ އަޑުތަކަށް ބާރު ލިބުނެވެ.
އިންޑިއާ އައުޓް ކެމްޕޭންގައި ޕީޕީއެމުން އަޑުއުފުލަނީ:
ރާއްޖޭގެ ރައީސްކަމަށް ވަޑައިގަންނަވާ ވެރިންގެ ފުރަތަމަ މަންޒިލަކީ އަބަދުވެސް އިންޑިއާ އެވެ. އެކަމަކު، ރައީސް މުއިއްޒުގެ ފުރަތަމަ ފުރާމަނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ. އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަޝްވަރާތައް ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންގެ މެދުގައި ކުރެވެމުން ދިޔައިރު، ރައީސްގެ ފުރަތަމަ މަންޒިލަކަށް އިންޑިއާ ނުހެއްދެވުމަކީ، ދެއްވި ވަރުގަދަ މެސެޖެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.
އެ ހިސާބަށް ދެ ގައުމުގެ ގުޅުން ވާންވެފަ އޮއްވައި، އެ ނުތަނަވަސްކަމުގައި ހުޅުފަޅައިގެން ދިޔައީ، އިންޑިއާގެ ލަކްޝަދީޕްގައި ޓޫރިޒަމް ޕްރޮމޯޓުކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓަކަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހުތުރުބަހުން ރައްދު ދިން މައްސަލައިގަ އެވެ.
ސަރުކާރުގެ ސްޓޭންޑާ ހިލާފުވުމުން، އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަގުތުން ސަސްޕެންޑު ކުރިޔަސް، އޭރު ހުޅުގަނޑު ފެތުރިއްޖެ އެވެ. އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް އެ ގައުމުގެ ގިނަ ބަޔަކު ރާއްޖޭގެ ޓޫރިޒަމްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.
ނުސީދާކޮށް ވިޔަސް، އިންޑިއާ އަށް ނިސްބަތް ކުރައްވައި، އެ މަނިކުފާނު އެންމެ ވަރުގަދަ ބަސްފުޅެއް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު، އިންޑިއާއާ އެންމެ ވާދަވެރި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އެވެ. އެއީ ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
"އަޅުގަނޑުމެން ކިތަންމެ ކުޑަޔަސް، ބުލީ ކުރުމުގެ ލައިސެންސެއް އެއްވެސް ބަޔަކަށް ނޯންނާނެ،" ވެލާނާ އެއާޕޯޓުގައި ނޫސްވެރިންގެ ކުރިމަތީގައި ރައީސް އެހެން ވިދާޅުވީ ސީދާ އިނގިރޭސި ބަހުންނެވެ.
ރައީސް މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ.
ރައީސްގެ ބަސްފުޅު މުޅި އިންޑިއާގައި ގުގުމައިގެން ދިޔަ އެވެ. އެއީ ކުޑަކުޑަ ރާއްޖޭން، ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ އިންޑިއާ އަށް ދިން އިންޒާރެއްގެ ގޮތުގައި އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި އެވެ.
އޭގެ އިތުރަށް ތުރުކީ އިން ކާޑުގެ ބާވަތްތަކާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ވަސީލަތްތައް ހޯއްދެވުމުގެ ވާހަކަ ހާމަކުރެއްވީ ސީދާ އިންޑިއާ އަށް ގޮންޖައްސަވާފައި ކަމަށް ވެސް އެއްބަޔަކު މާނަކުރި އެވެ.
ނަމަވެސް، އޭގެ ފަހަތުގައި އޮތީ ރާއްޖޭން ނަގާފައިވާ ސްޓޭންޑް ހާމަކުރުން ކަމަށް ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރެއްވި ބޭފުޅަކު ގަބޫލުކުރައްވަ އެވެ.
"އޭރު ރައީސް ޔާމީން ވެސް އިންޑިއާގެ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލަން ވަރަށް މަސައްކަތް ކުރެއްވި. އެކަމަކު ވެރިކަން ނިމުނު އިރު ވެސް އެކަމެއް ނުކުރި. އެހެންވީމާ މިފަހަރު ދޫނުދެއްވާނެ ކަމުގެ ފާމް ސްޓޭންޑް ހާމަކުރެއްވީ ކަމަށް ގަބޫލުކުރަނީ. ދެން އެ ނުވެ ދާނެ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް އެންމެ ޑިޕްލޮމެޓިކް ގޮތް ކަމަށް،" ނަން ނުޖަހަން އެދި އޭނާ ވިދާޅުވި އެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން އިންޑިއާ ސިފައިން އަނބުރާ ގެންދަމުން އައިސް، އެންމެ ފަހު ބެޗު ރާއްޖޭން ގޮސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭނާ އެ ވިދާޅުވި ގޮތަށް ދިވެހި ސަރުކާރުގެ ނިންމުމަށް އިންޑިއާ އިން އިހުތިރާމް ކުރުމާ އެކު، ގުޅުމުގައި "މަލަން" އެޅުމުގެ ކަންކަން ވަގުތުން ފެނުނެވެ. އެއީ އިންޑިއާ ސިފައިން އެނބުރި ދިޔަ ހަފުތާގައި، އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު އިއުލާނުކުރުމާ އެކު އެވެ.
ޒަމީރުގެ އެ ދަތުރު ވީ، ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ގާތް ގުޅުން އަލުން ވަރުގަދަ ވުމުގެ ފެށުމަކަށެވެ.
"ދެ ގައުމުގެ ގުޅުން އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ބައި މީހުންގެ މަސްލަހަތު އޮތް ކަމެއް،" ޒަމީރާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވިދާޅުވެފައި ވެ އެވެ.
އެ ދަތުރުގެ ތެރެއިން އިޔާދަވާން އެ ފެށި އެ ގުޅުމަށް ސަރުކާރުން ދިޔައީ އިތުރު ބޮޅުތައް އަމުނަމުންނެވެ. އެވެ. މިދިޔަ ޖޫން މަހު ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް މޯދީ އިންތިހާބުވެވަޑައިގެން، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އެ ގައުމަށް ފުރަތަމަ ދަތުރުފުޅު ކުރެއްވި އެވެ.
އޭގެ ފަހުން، މިދިޔަ އޮގަސްޓު މަހު ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރާ އެކު، ގުޅުން އިޔާދަކުރަން އެޅި ބިންގާ އިތުރަށް ވަރުގަދަވި އެވެ.
"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުގެ ތެރެއިން ޖައިޝަންކަރު ވިދާޅުވެފައިވެ އެވެ.
އިންޑިއާ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރިން ވާހަކަ ދެއްކެވި ހާރިޖީ ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އިންޑިއާއާ އެކު އޮންނަ ގުޅުން އިޔާދަވެފައިވަނީ ހާއްސަ ތަރުތީބަކުންނެވެ.
އެއްވެސް އިރެއްގައި އިންޑިއާ އާ ދެކޮޅު ނޫން ކަމަށް ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ އިރު، ރާއްޖޭން ބޭނުންވި ގޮތަށް އިންޑިއާ ސިފައިން ބޭލުމުން، އެ ޔަގީންކަމުގެ ހަގީގަތް ހާމަވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް "މިހާރު" އަށް ވިދާޅުވީ، ރައީސް މުއިއްޒު ފުރަތަމަ ދުވަހު ވެސް ވިދާޅުވި ގޮތަށް ހުރިހާ ގައުމަކާ އެކު ވެސް ގެންގުޅުއްވަނީ ހަމަހަމަ ސިޔާސަތެއް ކަމަށެވެ.
"އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބާއްވަނީ އެ ސިޔާސަތާ އެއްގޮތަށް. އެންމެ ފުރަތަމަ ދިވެހިން. ދެން ދިވެހި ގައުމު. ދިވެހި ގައުމަށް ފައިދާވާ ކޮންމެ ކަމކަަށް އިޖާބަ ދެއްވުން އެއީ ރައީސްގެ ސިޔާސަތަކީ. ވަކި ފަރާތަކަށް ޖެހިވަޑައިނުގެން އިސްކުރައްވަނީ ވަރަށް ބެލެންސް ގުޅުމެއް،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޑިއާއާ އެކު ވެސް ރައީސް މުއިއްޒު ގެންގުޅުއްވަނީ ވަރަށް ގާތް އަދި އިހުތިރާމްގެ ގުޅުމެއް ކަމަށެވެ.
"ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ރަނގަޅު،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ ގުޅުން ވަރުގަދަ ވެއްޖެ ކަމުގެ ސިއްކަ ޖެހުނީ، މިދިޔަ މަހު ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅާ އެކު އެވެ. އެ ތާރީހީ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއަށް އެންމެ ބޮޑު ދައްޗަކަށް ވެފައި އޮތް ޑޮލަރުގެ ތާށިކަމުގެ ހައްލަކަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއް ހަމަޖެހުނެވެ. އިންޑިއާގެ ޓޫރިސްޓުން އިތުރުކުރަން ރާއްޖޭގައި "ރޫޕޭ" ކާޑު ތައާރަފްކުރި އެވެ. ރާއްޖެ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ފަށަން ނިންމި އެވެ. ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ދެ ގައުމުގެ މުސްތަގުބަލް ބައްޓަން ކުރާނެ މަގުޗާޓެއް އެކުލަވައިލި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ފާއިތުވި އެއް އަހަރުގެ ހާރިޖީ ސިޔާސަތު ގިނަ ބަޔަކު ހަމައެކަނި އިންޑިއާގެ ނާޅިން މިނެކިރިޔަސް، އެހެން ގައުމުތަކާ އެކު ގުޅުން ހަރުދަނާ ކުރަން ކުރި މަސައްކަތް ވެސް ކުޑައެއް ނޫނެވެ.
ޗައިނާ، ތުރުކީ އަދި ޔޫއޭއީ އަށް ރައީސް ފުރަމާނަ ދަތުރުފުޅުތައް ކުރައްވައިފި އެވެ. ބޭރަށް ކުރެއްވި އެހެން ދަތުރުފުޅުތަކުގެ ހަވާސާގައި އިސްލާމީ ގައުމުތަކާއި ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ.
މި ސިޔާސަތުގެ ތެރެއިން، ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ދެ ބައިވެރިން ކަމަށްވާ އިންޑިއާ އާއި ޗައިނާއާ އެކު ހަމަހަމަ ގޮތެއްގައި ދެމެހެއްޓި ގުޅުން ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވެސް ފާހަގަކުރެއްވި އެވެ.
"ހަމަހަމަ ހާރިޖީ ސިޔާސަތެއްގެ ކްރެޑިޓް އެންމެ ބޮޑަށް މި ދެނީ ރައީސް މައުމޫނަށް. އެއީ އޭގެ ފަހުން އައި ކޮންމެ ސަރުކާރެއް ކޮންމެވެސް އެއް އަތަކަށް ބުރަވެފައި އޮންނަ މަންޒަރު ފެންނާތީ. އެކަމަކު މި ސަރުކާރުގަ ފެނިއްޖެ އެ ދެ ގައުމުގެ މެދުގައި ކިތަންމެ ވާދަވެރިކަން ބޮޑަސް، ރާއްޖެ އަށް ދެ ގައުމާ އެކު ވެސް އެއް ހަމައެއްގައި ގުޅުން ބޭއްވޭނެ ކަން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަވައިލެއްވީ ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމެއް ނެތި އެވެ. އޭރު ފެނުނީ ޗައިނާ "އެކަހެރިކޮށް" އިންޑިއާ ގާތްކުރުމުގެ ސިޔާސަތުތަކެވެ.
ދޭދޭ ގައުމުތަކާ އެއް ހަމައެއްގައި އދ. ފަދަ ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖޭގެ އަޑު އިއްވާފައިވަނީ ގަދަކޮށެވެ. މިގޮތުން، އދ.ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ކުރެއްވި ތަގުރީރު ފާހަގަކޮށްލެވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުދި ގައުމުތަކާ މެދު އޮންނަ ތަފާތުކުރުން ނައްތާލަން ހަރު އަޑުން ގޮވާލައްވައިފަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ ބައްލަދުވުމުގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ: އަމާޒަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ވުން ކަމަށް ވިދާޅުވި
"އަޅުގަނޑުމެންގެ ތަރައްގީއަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ލިބިފައިވީ ނަމަވެސް، ތަރައްގީއަށް އެހީދޭ ފަންޑުތަކާއި ބޭންކުތަކާއި އަދި ގައުމުތަކަށް އަޅުގަނޑުމެން ގޮވާލަނީ އަޅުގަނޑުމެންނަކީ ހަމައެކަނި އެހީ ލިބޭ ފަރާތް ގޮތުގައި ނުދެކެން. އަޅުގަނޑުމެންނަކީ ތަރައްގީގެ ބައިވެރިން. އަޅުގަނޑުމެންގެ އަމިއްލަ ނާޒުކުކަން ހުރަހެއްގެ ގޮތުގައި ނުބެލުމަށް. ދެފަރާތަށް ވެސް ފައިދާ ހުރި އުސޫލުތަކެއް ގެންގުޅުމަށް. ދަރަނި ނެގުމުގެ އަގު ކުޑަކޮށްދޭން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ދިވެހިންގެ ހިތްތަކާ އެންމެ ގާތުން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ވެސް ރާއްޖޭން ވަނީ ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި، ކެރިގެން އަޑު އުފުލައިފަ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުންތަކުގައި އިސް ދައުރެއް އަދާކުރުމުގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ބޮޑެތި ގައުމުތައް ޖަވާބުދާރީ ކުރުވުމަށް ކެނޑިނޭޅި މަސައްކަތް ކޮށްފައިވެ އެވެ.
ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވީ، ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފެންނަ އެންމެ ބޮޑު އެއް ބަދަލަކީ އަރަބި ނުވަތަ މެދުއިރުމަތީގެ ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުވާ ތަން ކަމަށެވެ. ރައީސްގެ ސިޓީފުޅުތަކާއި އެ މަނިކުފާނުގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިދިޔަ ދުވަސްތަކުގައި އެ ގައުމުތަކަށް އެކި ބޭފުޅުން ފޮނުއްވި އެވެ. އޭގެ ނަތީޖާ ރަނގަޅު ކަމަށް ހަލީލް ވިދާޅުވި އެވެ.
"މިސާލަކަށް ފަލަސްތީނުގެ މައްސަލާގައި ރާއްޖެއަކީ އެންމެ ހަރުއަޑުން ވާހަކަ ދައްކާ ގައުމު. މި ފަހަރު ސައޫދީގައި ބޭއްވި އަރަބި ސަމިޓުގައި ވެސް އެކި ގައުމުތަކުން އެކަން ފާހަގަކުރި ފަލަސްތީނުގެ ރައީސް، ރައީސް މުއިއްޒު ހުންނެވި ހިސާބަށް ވަޑައިގެން ވަރަށް ބޮޑަށް އުފާފުޅު ކުރައްވައި ވާހަކަ ދެެއްކެވި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮޕް ސަމިޓަށް އަޒަރުބައިޖާނަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅާ އެކު ވެސް އެ ގައުމުގެ ގުޅުން ބަދަހިވެއްޖެ އެވެ. ދައުލަތުގެ ވެރިންނަށް ވިސާއަކާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއިރު، ދެން އޮތީ ހުރިހާ ދިވެހިންނަށް އެކަން ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށް ހަލީލް ވިދާޅުވި އެވެ.
"އެ ގައުމުން ހަމަޖައްސާފައިވާ އުސޫލުގައިވާ ގޮތުން އޮފިޝަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ފުރަތަމަ ވިސާ ފްރީ ކޮށްދޭނީ. އޭގެ ފަހުން އެ ގައުމުގެ ރައްޔިތުންނަށް އެކަން ފަހިކޮށްދެނީ. އެ ކަމަށް މިހާރު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ ވެސް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ. މިދިޔަ 18 އަހަރު ވެސް އަޒަރުބައިޖާނާ އެކު ގުޅުން އޮތް. އެކަމަކު، މަސައްކަތްތަކެއް ކުރީމާ މިހާ ހިސާބަށް މި އާދެވުނީ.
އެކަމަކު ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އަށަގެންފައިވާ ވިސްނުމުގެ ތެރެއިން، ހާރިޖީ ސިޔާސަތެއް އާންމު މީހަކު ވަޒަންކުރާނީ ބޭރުން ލިބޭ ފައިސާ އެހީގެ އަދަދުންނެވެ.
ރާއްޖެ މި މިންވަރަށް ދަރަނި ވެރިވެފައި އޮތީ، ސަރުކާރުތަކުން ވެސް އެ ވިސްނުމުގެ ތެރެއިން ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުން ކަމަށް ކުރިން ވާހަކަ ދެއްކެވި ހާރިޖީ ތަޖުރިބާކާރު ގަބޫލުކުރައްވަ އެވެ.
"ކޮންމެ ސަރުކާރެއްގައި ވެސް މެނިފެސްޓޯގައި ހިމަނާ މަޝްރޫއުތައް ހިންގަން ވެސް ބޭރުން ފައިސާ މި ނަގަނީ ލޯނެއްގެ ސިފައިގައި. ކޮންމެ ކަމަކަށް އެ ގޮތަށް ލޯނު ނަގަންޏާ ބޭރުގެ ދަރަނި ދުވަހަކު ވެސް ތިރިއެއް ނުވާނެ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި، ބޭރުން އިތުރު ދަރަނި ނެގުމުގެ އޮއިވަރު ބަދަލުވި މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.
އިތުރަށް ދަރަނި ނެގުމުގެ ބަދަލުގައި، މަޝްވަރާތައް އަމާޒުކޮށްފައި ހުރީ ކުރިން ނަގާފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ލުއި ކުރުމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ދަރަންޏެއް އޮތް ޗައިނާ އާއި އިންޑިއާ ހިމެނެ އެވެ. އެ ދެ ގައުމުން މިހާރު ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
އޭގެ މައްޗަށް ދެން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިގުތިސާދީ ގޮތުން، ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެއަށް ފައިދާ ކުރާނެ އެއްބަސްވުންތަކަށެވެ. މިގޮތުން، ޗައިނާ، އިންޑިއާ، އަދި ތުރުކީ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ އިތުރުން ޓޫރިސްޓުން އިތުރުކުރަން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފަ އެވެ.
މިފަދަ ވިސްނުމާއި ތަސައްވަރު ގޮސް ގުޅެނީ ރައީސް ވިދާޅުވި ވާހަކަފުޅަކާ އެވެ.
ރާއްޖެއަށް ހަގީގީ މިނިވަންކަން ކަށަވަރު ކުރެވޭނީ އިގުތިސާދީ ގޮތުން މިނިވަންވެގެންނެވެ.
ޒަމާނުއްސުރެ ބޭރުގެ ގައުމުތަކަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރެވިގެންނެވެ.
ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، ހިންދެމިލެވިގެންނެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
ޒަމީރު، ޖައިޝަންކަރަށް؛ ހައްލު ހޯދަން ހިންގަވާ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް: އިންޑިއާގެ ރައީސް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ރާއްޖެ އޮންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތަށް