Roadha Mihaaru
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު

ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ އިންސާނިއްޔަތާ ހިލާފު: ދިވެހި ސަރުކާރު

18 އޮކްޓޯބަރ 2023

އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތަކާ ގުޅިގެން ފަރުވާ ހޯދުމަށާއި ރައްކާތެރިކަން ހޯދުމަށް އެތަކެއް ހާސް ފަލަސްތީނުގެ ރައްޔިތުން ތިބި ހޮސްޕިޓަލަކަށް އިޒްރޭލުން ރޭ ދިން ހަމަލާ އަކީ އިންސާނިއްޔަތާ ހިލާފު، ވަރަށް އަނިޔާވެރި އަމަލެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތަކާ ގުޅިގެން ފަރުވާ ހޯދުމަށާއި ރައްކާތެރިކަން ހޯދުމަށް އެތަކެއް ހާސް ފަލަސްތީނުގެ ރައްޔިތުން ތިބި ހޮސްޕިޓަލަކަށް އިޒްރޭލުން ރޭ ދިން ހަމަލާ އަކީ އިންސާނިއްޔަތާ ހިލާފު، ވަރަށް އަނިޔާވެރި އަމަލެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ. އެ ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ޝަހީދުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލްތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ،" އެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ބުނީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރު ކުރާ ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ޒަހަމްވި ކުޑަ ދެ ކުދިންނަށް ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ޒަހަމްވި ކުޑަ ދެ ކުދިންނަށް ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

ގައްޒާ އަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހި ސަރުކާރުގެ ނޫސްބަޔާނުގައި ގޮވާލި އެވެ.

ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މިހާތަނަށް 500 މީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އެ ހަމަލާގައި އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ބޭނުންކުރަމުންދިޔަ ސްކޫލަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިޒްރޭލުން ވަނީ ގާޒާ އަށް ބޮމާއި ރޮކެޓު ހަމަލާތައް ދީ އެ ސަހަރު ސުންނާފަތި ކޮށްލައިފަ އެވެ.

އެކަމަކު ރޭ ހޮސްޕިޓަލަށް ދިން މި ހަމަލާއަކީ 2008 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ދިން އެންމެ ރަހުމްކުޑަ ހަމަލާ ކަމަށް ފަލަސްތީނުގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މި ހަމަލާގެ ފަހަތުގައި އޮތީ ފަލަސްތީނުގެ އިސްލާމިސްޓު ޖިހާދު ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ފުރަތަމަ ބުންޏެވެ. އިޒުރޭލުން ބުނީ އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުވީ، އެ ޖަމާއަތުން އިޒްރޭލަށް ދޭން އުޅުނު ރޮކެޓު ހަމަލާއެކެވެ.

އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އިޒްރޭލުން އުޅެނީ ހޮސްޕިޓަލަށް ދިން ހަމަލާ އިން ރެކެން ކަމަށް ފަލަސްތީނުގެ އިސްލާމިސްޓް ޖިހާދުން ވަނީ ބުނެފަ އެވެ.