Roadha Mihaaru
އިޒްރޭލްގެ އުދުވާން އޯއައިސީގައި ވެސް ކުށްވެރިކޮށްފި

އިޒްރޭލުން ހިންގި އުދުވާން އޯއައިސީ ސަމިޓްގައި ވެސް ރާއްޖެ އިން ކުށްވެރިކޮށްފި

19 މެއި 2018

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.

ތުރުކީގެ އިސްތަންބުލްގައި މިހާރު ކުރިއަށް ގެންދާ އޯއައިސީގެ ހަތް ވަނަ ސަމިޓުގައި، އިޒްރޭލްގެ އެ އަމަލުތައް ކުށްވެރިކޮށް ވާހަކަ ދެއްކެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. އެ ސަމިޓްގައި ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު އަޅާ ނުލައި ތިބުމަކީ މެދު އިރުމަތީގައި ހަމަޖެހުން ގާއިމް ކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮރިން މިނިސްޓްރީ

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން އެ ގައުމުން ނިންމި ނިންމުމަށް ފާޑު ވިދާޅުވަމުން އާސިމް ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރާއި އަރަބި ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތް އެ ސަމިޓްގައި އާސިމް ވިދާޅުވެފައިވާ ގޮތުން މީގެ އިތުރުން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން އަދިވެސް އޮތީ ފަލަސްތީނާ އެކު ކަމަށާއި ރާއްޖޭގެ ވިސްނުން ބަދަލު ނުވާ ކަމަށެވެ.

އިޒްރޭލްގެ އަމަލުތަކާ ދެކޮޅަށް ރާއްޖެ އިން އޯއައިސީގައި ވާހަކަ ދެއްކިއިރު، އިޒްރޭލުން ހިންގި ޖަރީމާ މިނިވަން ގޮތެއްގައި ބެލުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން ވަނީ ތާއީދުކޮށްފަ އެވެ.