Roadha Mihaaru
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް

އިތުރު ބިންތަކަކަށް އިޒްރޭލުން ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގައިލުމުގެ ބައެއް: ރާއްޖެ

10 ޖޫން 2020

ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަކަށް އިޒްރޭލުން ވެރިވުމަށް ކުރާ މަސައްކަތްތައް ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަކަށް އިޒްރޭލުން ވެރިވުމަށް ކުރާ މަސައްކަތްތައް ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.

ރާއްޖެގެ ފަރާތުން އެކަން ކުށްވެރިކުރީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމެޓީގައި ދެއްކެވި ވާހަކައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އޭނާ ވިދާޅުވީ، މިހާރު ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ އަމިއްލަ ބިން ކަމުގައި ކަނޑައެޅުމަކީ ރާއްޖެ އިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔެ މަސައްކަތް ކުރަމުންދާއިރު އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ފަލަސްތީން ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޒްރޭލުގެ އެ އަމަލަކީ ބައިނަލްއަގުވާމީ ހަމަތަކާ ގާނޫނުތަކާ ހިލާފު ކަމެއް. މީގެ އިތުރުން އިޒްރޭލުން، ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ. އިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ގޮވާލަން،" ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދު ވެސް ގަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި އެ ގައުމަށް މިނިވަން ދައުލަތެއް ގާއިމްކޮށް އެ ދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުން ކަމަށް ވިދާޅުވާ ވިދާޅުވުން ޝާހިދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ ވަކި ދެ ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި އެކަން ހާސިލްކުރެވޭނީ އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއާއެކު އިންސާފާއި މިނިވަންކަން ހޯދައިދިނުމަށް މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވެ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި ތިބުމަށް ޝާހިދު ގޮވައިލެއްވި އެވެ.