Roadha Mihaaru

އިމިގްރޭޝަނުން ހުށަހެޅީ އިޒްރޭލު މީހުންނަށް ވެސް އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ނަމަ އެތެރެވެވޭ ގޮތަށް

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅައިފި އެވެ.

އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

14 އެޕްރީލް 2025

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަނުން އެ ބިލަށް ގެންނަން ބޭނުންވާ އިސްލާހެއް ވަނީ އިއްވައިފަ އެވެ.

މީކާއިލް ހުށަހެޅުއްވި ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.

އޭގެ ބަދަލުގައި އިމިގްރޭޝަނުން ހުށަހެޅީ ރާއްޖެ އައުމަށް އެދި އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުން އެކަނި ނުވަދެވޭނެ ގޮތަށް ބިލު އިސްލާހުކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ބިދޭސީން ރާއްޖެ އެތެރެވުމުގައި އެ މީހުންގެ ގައުމިއްޔަތު ދެނެގަތުމުގައި ބަލަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ކަމަށް ވެފައި، ރާއްޖެ އަންނަ އެއްވެސް މީހަކީ ދެ ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއް ކަން ކަށަވަރު ކުރެވެން އިމިގްރޭޝަނަށް ނެތުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހަޅާފައިވާ ގޮތަށް އެކަން ތަންފީޒު ކުރެވިދާނެ ކަމަށް ނުބެލެވެ އެވެ.

މި ބިލު އިތުރަށް ދިރާސާކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ މިއަދު ބައްދަލުކުރުމަށް ބިލު ދިރާސާކުރާ ކޮމިޓީން ވަނީ މިއަދު ނިންމައިފަ އެވެ.

ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އެކި ފަހަރުމަތިން ލަސްކުރުމަށް ފަހު، ބިލު ނިންމުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޖުލައިގެ ނިޔަލަށެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މޭ މަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ސަރުކާރު އަދި މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީ އަށް ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.