Roadha Mihaaru

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައީ އެކަމާ ގުޅޭ ގޮތުން ހުށަހެޅި ބިލުގެ މަގްސަދު ހާސިލް ނުވާ ގޮތަށް ކަމަށް އެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 އެޕްރީލް 2025

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައީ އެކަމާ ގުޅޭ ގޮތުން ހުށަހެޅި ބިލުގެ މަގްސަދު ހާސިލް ނުވާ ގޮތަށް ކަމަށް އެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މީކާއިލް ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.

ބިލު ހުށަހެޅިއިރު ބިލުގައި އޮތީ އެހެން ގައުމުތަކުގެ ޕާސްޕޯޓު ގެންގުޅޭ އިޒްރޭލުގެ މީހުންނަށް ވެސް ރާއްޖެ އެތެރެނުވެވޭނެ ގޮތަށް، ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުން ވެސް އެތެރެކުރުން މަނާކުރަން ހިމަނައިފަ އެވެ.

ބިލު ހުށަހެޅިތާ 300 އަށް ވުރެ ގިނަ ދުވަސް ފަހުން، ބިލު ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއިން ބިލް ފާސްކުރީ، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާ ގޮތަށެވެ.

މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.

ބިލު ފާސްކުރަން މިއަދު ތަޅުމަށް ފޮނުވާފައިވާއިރު، ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ކޮމިޓީން ބިލު ފާސްކޮށްފައި އޮތީ ބިލު ހުށަހެޅި މަގްސަދާ ހިލާފަށް، މަޖިލީހުން އަވަސް އަރުވާލައިގެން ކަމަށެވެ.

މިއީ ސަރުކާރަށް ރައްޔިތުންނާއި އެހެން ފަރާތްތަކުގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ.

"ކޮމިޓީ ރިޕޯޓުން މި ބުނަނީ މަރުހަބާއޭ، މަރުހަބާއޭ އަންނާށޭ. އެކަމަކު އަންނަންވާނީ ތިބޭފުޅުން ގެންގުޅުއްވާ އަނެއް ޕާސްޕޯޓުގައޭ، އޭގައި އެތެރެވިޔަސް އެންމެ ރަނގަޅޭ،" މީކާއިލް ވިދާޅުވި އެވެ.

ބިލު އިސްލާހުކޮށްފައި އޮތް ގޮތުން އަނެއް ކަންބޮޑުވުމަކީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވޭވެނެ ގޮތަށް ހިމެނުން ކަމަށާއި، ހަމަލާތައް ހުއްޓާލައިފިކަމަށް ބަލާނީ ކޮން ހަމައަކުން ކަމެއް ބަލާނެ ގޮތެއް އެނގެން ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ކާކުތޯ ކަނޑައަޅަނީ ލާއިންސާނީ ހަމަލާ ދެމުން ގެންދާކަން. އ.ދ އިންތޯ ކަނޑައަޅަނީ މި ރައްޔިތުންގެ މަޖިލީހުންތޯ ކަނޑައަޅަނީ، [ރައީސް] ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުންތޯ ކަނޑައަޅަނީ،" މީކާއިލް ވިދާޅުވި އެވެ.

މިހާ ފުޅާކޮށް ގާނޫނެއްގައި މުއްދަތެއް ހިމަނާއިރު، މި ކަން ކަނޑައަޅާނެ ގޮތެއް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކުރީ، ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއް ކަން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ކޮމިޓީގައި ބުނުމާ ގުޅިގެންނެވެ.