Roadha Mihaaru

ލާއިންސާނީ އަމަލުތައް ހުއްޓަން ދެން އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ފާސްކޮށްފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

14 އެޕްރީލް 2025

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ފާސްކޮށްފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލު ފާސްކުރުމުގެ ކުރިން ގިނަ އިސްލާހުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ.

އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.

އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް އެންގުމުންނެވެ.

މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.

ބިލު މި ގޮތަށް އިސްލާހު ކުރުމަށް ފަހު ފާސްކޮށްފައިވަނީ ސަރުކާރު ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ އިއްތިފާގުންނެވެ.

މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު މި ފާސްކުރީ އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.