Roadha Mihaaru
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް

މިނިސްޓަރަށް ނުވަތަ އޮފީހުގެ ވެރިއަކަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް

08 މެއި 2024

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ހަރުދަނާ ކަމާއެކު ކަމަށާއި މިނިސްޓަރަކު ނުވަތަ އޮފީހުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ޒަކާތުން ވައްކަން ނުކުރެވޭނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ހަރުދަނާ ކަމާއެކު ކަމަށާއި މިނިސްޓަރަކު ނުވަތަ އޮފީހުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ޒަކާތުން ވައްކަން ނުކުރެވޭނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޒަކާތުގެ ނިޒާމުގެ ތެރެއިން ވައްކަން ކުރެވޭ ގޮތަށް އެއްވެސް އިރެއްގައި ނެތް ކަމަށާއި ކަންކަން ތަރުތީބު ކޮށްފައި ވަނީ އެ މަގުން ނުދެވޭ ގޮތަށް ކަމަށެވެ.

"... އަދި މިނިސްޓަރަކު ބޭނުންވިޔަސް ސެކްރެޓަރީއަކު ބޭނުންވިޔަސް ޑިރެކްޓަރަކު ބޭނުންވިޔަސް ވާނެ ކަމެއް ނޫން އެއީ ޒަކާތުން ވައްކަމެއް ކުރުމަކީ. އެ އަށް ވުރެ މާ ހަރުދަނާކޮށް، ތަރުތީބު ކުރެވިފައި އޮންނަ ނިޒާމެއް ޒަކާތުގެ ނިޒާމަކީ،" ޝަހީމް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިޔަފާރިވެރިންގެ ކިބައިން ވެސް އެދިވަޑައިގަތީ މުދަލުގެ ޒަކާތް ދެއްކުމަށެވެ. ޝަހީމް ވިދާޅުވީ، މުދަލުން ޒަކާތް ނެރުމަކީ މުދަލުގައި ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޒަކާތު ހައުސް އިން ކަންކަން ކުރަނީ ވަރަށް އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.

"މީޑިއާތަކުގައި ސިޔާސީ ގޮތުން އެކި ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ނުބައްލަވާށޭ. ވަރަށް ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން ޒަކާތާ ގުޅޭ ކަންކަން ދިވެހިރާއްޖޭގައި ކުރިއަށް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނިފެސްޓޯގައިވާ ގޮތުގެ މަތިން ރާއްޖޭގައި ޒަކާތު ހައުސްއެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އިދާރާގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ފޮނުވުމަށް ވަނީ ނިންމާފައި ކަމަށެވެ. އެ ކަމާ ގުޅޭ މުއާމަލާތުތައް ގަތަރުގެ ރެޑްކްރެސެންޓާ އެކު ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

މި ފަސް އަހަރު ވެގެންދާއިރު ﷲ އިރާދަކުރެއްވިއްޔާމު ދިވެހިރާއްޖޭގައި ހުންނާނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޒަކާތުގެ އިދާރީ ނިޒާމެއް.--- ޝަހީމް

"ސިޓީބިޓީ ބަދަލު ކުރެވި، ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ އެ ކަންތައް ރަސްމީކޮށް އެ އޮންނަ މިންގަނޑުގެ ތެރެއިން، އުސޫލުތަކުގެ ތެރެއިން ކުރިއަށް ދަނީ، އިންސާނީ ކާބޯތަކެއްޗަށް، އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެހީއެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ޒަކާތުގެ އިދާރާ އިން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރެވެ. އެއީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި ރާއްޖޭގައި ޒަކާތު ހައުސް ހިންގަނީ ވަރަށް ރަނގަޅު މަގަކުން ކަމަށް ވިދާޅުވި އެވެ.

ޒަކާތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައެޅި އަމާޒު މިހާރު ހާސިލް ކުރެވިފައި ވާތީ ދެން އޮތީ އެކަން ހަރުދަނާ ކުރުން ކަމަށެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މި ފަސް އަހަރު ވެގެންދާއިރު ﷲ އިރާދަކުރެއްވިއްޔާމު ދިވެހިރާއްޖޭގައި ހުންނާނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޒަކާތުގެ އިދާރީ ނިޒާމެއް. ޒަކާތުގެ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭން (އައިޑީބީ) އާއި އަދި ކުވައިތުގެ ޒަކާތު ހައުސްއާ އަޅުގަނޑުމެން ދަނީ މަޝްވަރާ ކުރަމުން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ އިދާރާއާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރަނީ ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމާއި މީހުން ތަމްރީނު ކުރުމަށެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގައި ޒަކާތަށް ހާއްސަ އިސްކަމެއް ދީގެން މީގެ ކުރިން ވެސް މުހިންމު ކަންކަން ކޮށްފައިވީ ނަމަވެސް މިއީ މިހާތަނަށް އެންމެ ރަނގަޅަށް އެކަން ހިންގާ ދުވަސްވަރު ކަމަށެވެ. އަދި މި ސަރުކާރުން ގާއިމްކުރި ޒަކާތު ހައުސް ހިންގުމުގެ އިދާރީ ނިޒާމަކީ ރައްޔިތުންނާ ގާތުން އަދި މި ޒަމާނަށް ފެތޭ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޒަކާތު ހައުސް އުފެއްދި ފަހުން، މީހުން ހޭލުންތެރި ކުރަން ހއ. އާއި ހދ. އަދި އައްޑު އަށް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.